ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރުފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިން ލޮގިންއަށް ޓޫ-ފެކްޓާ އޮތެންޓިކޭޝަން މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، މި ފެށޭ ހަފްތާތެރޭގައި މި ހިދުމަތް އިންޓަނެޓް ބޭންކިންއަށް ވެސް ލިބިގެންދާނެ ކަމަށެވެ. މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕް އަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މި ގޮތުން މާޗު 2023 ގައި، ބޭންކުން ހުރިހާ ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސާ، އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ހަމަޖައްސައިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން ބީއެމްއެލް އިން އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސާ، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަންފަށާފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް އެދިފައެވެ.