މީހަކާ ރައްޓެހިވެފައި ރުޅިވެފަ، އަނެއްކާވެސް ހަމަ އެ މީހައާ ގުޅުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. ތިމާއާމެދު ބައިވެރިޔާ ކަންތައް ކުރަނީ ކިތަންމެ ގޯސްކޮށް ނަމަވެސް، 'ލޯބިވާތީ' އޭ ބުނެ އެ ގުޅުމާ ދުރަށް ނުގޮސް ތިބެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ބައިވެރިޔާ ތިމާއާ މެދު ކަންތައް ކުރަނީ ގޯސްކޮށްކަން އާއިލާގެ އިތުރުން ރައްޓެހިންނަށްވެސް އެނގޭ އިރު، އެމީހުންދޭ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދީގެން އަދިވެސް އެ ގުޅުުމުގައި އުޅެނީ ކިތައް މީހުން ހެއްޔެވެ؟
ޔުނިވާސިޓީ އޮފް މިސޫރީގެ ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރު ކޭލް މޮންކް ބުނި ގޮތުގައި މިފަދަ ގުޅުންތަކުގެ ސަބަބުން ގޯނާކުރާ މިންވަރު އިތުރުވުމާއި މުވާސަލާތީ ގުޅުން ދަށްވެ ބައިވެރިޔާ މަތިން ފޫހިވުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.
މިބާވަތުގެ ގުޅުންތަކުގައި އުޅޭ މީހުން، އެ ގުޅުން ދަމަހައްޓާނީތޯ ނުވަތަ ގުޅުން ކަނޑާލާނީތޯ ވިސްނުންތެރިކަމާއެކު ނިންމަންޖެހެއެވެ. މިއީ ތިބާގެ ގުޅުން ނިމުމަކަށް ގެންނަންވީތޯ ބެލުމުގައި ވިސްނަންވީ މުހިންމު ކަންތައްތަކެވެ.
ކުރިންވެސް ނިމުމަކަށް އައިސްފައިވާ ގުޅުމެއް އަލުން ފަށަން ވިސްނާއިރު، މުސްތަގުބަލުގައިވެސް މި ގުޅުން ރޫޅިގެން ދިޔަނުދިނުމަށްޓަކައި، ދާއިމީ މައްސަލަތަކެއް ހުރިތޯ ދެނެގަތުން މުހިންމެވެ. ކުރިންވެސް ގުޅުން ރޫޅުނީ ކޮން ސަބަބުތަކަކާ ހުރެތޯއާއި، އެކަންތައްތައް އަލުން ދިމާނުވުމުގެ އޮތީ ކިހާ ފުރުސަތެއްތޯ ދެމީހުން ވާހަކަދައްކައިގެން ބެލުން މުހިންމެވެ. ނަމަވެސް އެ ގުޅުމުގައި ދުވަހަކުވެސް ގެވެށި އަނިޔާ ހިނގާފައިވާނަމަ، ނުވަތަ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ މީހާގެ އަމިއްލަ ސަލާމަތަށް ނުރައްކާވާކަމެއް ނަމަ، އެކަން ކުރުން ރައްކާތެރި ހާލަތެއް ހޯދާށެވެ. އެގޮތުން އެހެން މީހެއްގެ ހާޒިރުގައި އެ މައްސަލަތަކާ މެދު ވާހަކަދެއްކުން ބުއްދިވެރިއެވެ.
ވިހަ ގުޅުމެއް ނިމުމަކަށް ގެނައުމަކީ ރަނގަޅު ކަމެއްކަން ހަނދާން ބަހައްޓާށެވެ. މިސާލަކަށް، ތިމާގެ ގުޅުން ހައްލުނުކުރެވޭ ހިސާބަށް މައްސަލަތައް ގޮސްފައިވާނަމަ ނަފްސާނީ ނުވަތަ ޖިސްމާނީ ދުޅަހެޔޮކަމަށް ވިސްނާފައި އެ ގުޅުން ނިންމާލުން މާ ރަނގަޅުވާނެއެވެ.
ދިވެހިރާއްޖޭގައިވެސް ވަރިތައް އިތުރުވާ ވާހަކައަކީ ވަރަށް ގިނަ މީހުުން ދައްކަމުން އަންނަ ވާހަކައެެކެވެ. ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލަތަކާ ބެހޭ ގޮތުުން ކަޕުލްސް ތެރަޕީ ނެގުން ނުވަތަ ކައުންސެލިން ނެގުމަކީ ދިވެހިންގެ ތެރޭގައި އެހާ އާންމު ކަމެއް ނޫނެވެ. ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީވެސް ކަޕުލްސް ތެރަޕީ ނެގުން ނުވަތަ ކައުންސެލިންނަކީ ވަރިވާ ހިސާބަށް ގޮސްފައިވާ މީހުންނަށް އެކަނި ހާއްސަ ކަންތައްތަކެއް ގޮތުގައެވެ. ނަމަވެސް، އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ދެމަފިރިންނަށްވެސް ކަޕުލްސް ތެރަޕީއަށް ދެވިދާނެއެވެ. އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކު ވިސްނާގޮތް ސާފުކޮށް އެނގި، ތަންކޮޅެއް ފުންކޮށް އަނެކާ ދަސްވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.