ޖޮއިންޓް އެކައުންޓްތައް ގެންގުޅޭ ދެމަފިރިންގެ ގުޅުން މާ ވަރުގަދަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ހާމަވި ގޮތުގައި، ޖޮއިންޓް އެކައުންޓްތައް ގެންގުޅޭ ދެމަފިރިންގެ ގުޅުން ރަނގަޅުވުމުގެ އިތުރުން، ފައިސާއާ މެދު ޒުވާބު ކުރުން މަދުވެ، ދިރިއުޅުމުގެ މާލީ ކަންތައްތައް ފަސޭހަކަމާއެކު ކުރެވެއެވެ.

މި ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ އަލަށް ކައިވެނި ކޮށްފައިވާ އަދި ކައިވެންޏަށް ތައްޔާރު ވަމުން އައި 230 ޖޯޑުގެ ދިރިއުޅުން 2 އަހަރުގެ މުއްދަތަށް ދިރާސާ ކޮށްފައެވެ.

އެންމެންވެސް ފެށީ ވަކި ބޭންކް އެކައުންޓަކުންނެވެ. ދިރާސާގެ ވަކި ހިސާބަކުން އެއް ބަޔަކަށް އަމިއްލަ އެކައުންޓުތައް ގެންގުޅުމަށް އިރުޝާދު ދިން އިރު، އަނެއްބައި މީހުންނަށް ވަނީ ޖޮއިންޓް އެކައުންޓް ހެދުމަށް އަންގާފައެވެ. އަދި ތިންވަނަ ބަޔަކަށް، އެ ބަޔަކު ބޭނުން ގޮތަކަށް ކުރިއަށް ދިއުމަށް ވަނީ އިރުޝާދު ދީފައެވެ.

2 އަހަރު ވަންދެން ދިރާސާ ކުރުމަށް ފަހު ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުގައި ޖޮއިންޓް ބޭންކް އެކައުންޓްތައް ހުޅުވި ދެމަފިރިންގެ ގުޅުން ވަކި އެކައުންޓްތައް ގެންގުޅުނު ދެމަފިރިންނަށް ވުރެ ރަނގަޅެވެ.

ސައިންސްވެރިން ބުނީ ދެމަފިރިންގެ ފައިސާގެ ކަންކަން އެއްކޮށް ބެލެހެއްޓުމުގެ މާނައަކީ ދެމަފިރިންގެ މާލީ ލަނޑުދަނޑިތައް އެއްގޮތްވެ، އެކަކު އަނެކަކުގެ ބޭނުންތަކަށް އިޖާބަދިނުމަށް މަގުފަހި ވުމެވެ.

މިއާ ހިލާފަށް ވަކި އެކައުންޓުތައް އޮންނަ ދެމަފިރިން މާލީ ނިންމުންތައް ނިންމާއިރު ބައިވެރިޔާގެ ހިޔާލު ނުހޯދާކަމާށް ދިރާސާއިން ދައްކައެވެ. އޭގެ ސަބަބުން ދެމަފިރިންގެ ދޭތެރޭގައި އޮންނަ އިތުބާރު ގެއްލި، މައްސަލަތައް އިތުރުވެ، ދެމީހުން ދުރުވުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 20 ޕަސެންޓް ދެމަފިރިން ދިރާސާ ނިންމާފައި ނުވާއިރު، ޖޮއިންޓް ބޭންކް އެކައުންޓްތައް ނުހަދާ ދުރުވާ މީހުން އިތުރެވެ.

އިންޑިއާނާ ޔުނިވާސިޓީ ކެލީ ސްކޫލް އޮފް ބިޒްނަސްގެ ލިޔުންތެރިޔާ ޖެނީ އޮލްސަން ބުނި ގޮތުގައި ތަފާތު ގުޅުންތަކުގެ މުއްދަތުގެ މީހުން ދިރާސާ ކުރިއިރު، ޖޮއިންޓް އެކައުންޓްތައް ބޭނުން ކުރި މީހުން، ވަކި އެކައުންޓްތައް ބޭނުންކުރާ މީހުންނާ އަޅާބަލާއިރު، ކައިވެނީގެ ތެރޭގައި ކަންކަމާ އެއްބަސް ކިޔައިގެން ކުރިއަށް ދިއުމުގެ މިންވަރު މައްޗެވެ.

މި ހޯދުންތައް ވަނީ ޖާނަލް އޮފް ކޮންސިއުމާ ރިސާޗްގައި ޝާއިއު ކޮށްފައެވެ.