ޗާގޯސް މައްސަލަ އެންމެ ހޫނު ކޮށް މުޒާހަރާތައް ލީޑްކޮށް އުޅޭ މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެހެން ހީވާތީ އެކަމާ އުޅުއްވާ ބޭފުޅުން ގިނަވެއްޖެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕަޓީގެ ލީޑަރު، އިމްރާން އަބްދުﷲ އިދިކޮޅަށް ހަޖޫ ޖައްސަވައިފިއެވެ.

ޕީޕީއެމް އަށް ފާޑުވިދާޅުވަމުން މަލާމާތެއްގެ ރާގެއްގައި އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓް ލިބޭނެ ކަމަށް އަމިއްލައަށް ގަބޫލު ކުރެވިގެން ކަމަށެވެ.

އިމްރާން މިގޮތަށް ވިދާޅުވި ނަމަވެސް ސަރުކާރުގެ އިތުރުން އަދާލަތު ޕާޓީ ފިޔަވާ ހުރިހާ ރާއްޖޭގެ މައި ޕާޓީ ތަކުން ވެސް ބުނަމުން ދަނީ ޗާގޯސް މައްސަލައިގައި ކަނޑުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ގެއްލިފައިވާ ކަމަށެވެ. އަދި ޔާމީނާއެކު އިންތިހާބު ކާމިޔާބުކޮށް ޗާގޯސް އިން ގެއްލުނު ހިސާބު ރައްޔިތުންނަށް ހޯދާދޭނެ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އިޓްލޮސްއިން ނިންމި މައްސަލައަކީ ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެއަށް ވަނީ 47،232 އަކަ ކިލޯމީޓަރު، އަދި މޮރިޝަސް އަށް 45،331 އަކަ ކިލޯ މީޓަރު ލިބިފައެވެ. އެއީ ރާއްޖެއަށް 135 ނޯޓިކަލް މޭލެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރާ ދެކޮޅަށް އިދިކޮޅުން އަޑު އުފުލަމުން އަންނަ އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްއާރްއެމް އިންވެސް ގެންދަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އެ ގޮތުން ޗާގޯސް އާއި ރާއްޖެ އާ ދެމެދު އިން ވަކިކޮށް ނިންމި ގޮތް ބަލައި ނުގަތުމަށް ނަޝީދު ވަނީ މީގެ ކުރިން ގޮވާލައްވާފައެވެ.

އަދި ގާނޫނާ ހިލާފަށް އެ އަމަލު ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅުން ދަނީ ރައީސް އަޒުލުކުރުމަށް ވެސް ގޮވާލަމުންނެވެ. އެގޮތުން އެ މައްސަލައިގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނި ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީފުޅެވެ. މިދިޔަ އަހަރު ފޮނުއްވި އެ ސިޓީފުޅުގައި ރައީސް ވަނީ، ޗާގޯސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން އެ ގައުމާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭނެ ކަން ހާމަކުރައްވާފައެވެ.

ނަމަވެސް، މައްސަލަ ގޯސްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުމާ ނުލާ އެ ސިޓީފުޅު ފޮނުއްވުމުންނެވެ. މި މައްސަލައިގައި ސަރުކާރާ އިދިކޮޅު ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސް ގާނޫނުއަސާސީ އާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށެވެ.

އިމްރާން އިދިކޮޅަށް ފާޑުވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތްތަކުން ގެންދަނީ ބައްދަލުވުންތައް ބާއްވާ ފޮޓީ ނަގާ ޓްވީޓް ކުރަމުންނެވެ. އެގޮތުން ޕީޕީއެމް، އެމްއެންޕީ، އެމްޑީޕީ އަދި ޖޭޕީގެ އިސް އާރުކާޓީން ވަނީ ހަވީރު ސައެއް ބާއްވާ ފޮޓޯ އާންމު ކޮށްފައެވެ.