ހުޅުމާލޭގައި ޓޭކްއަވޭ އަދި ކެފޭތައް ގަވާއިދާ ހިލާފަށް ހިންގަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އާބަންކޯއިން އަންގައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުޅުމާލޭގައި ހިންގަމުން އަންނަ ބައެއް ކެފޭ ތަކާއި ޓޭކްއަވޭގެ ހިދުމަތް ދޭ ތަންތަނުގެ ޕޭވްމަންޓްގައި ގޮނޑި އަދި މޭޒު ބަހައްޓައިގެން ހިދުމަތް ދިނުމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެއާއެކު އެ ކުންފުނިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 182 މޭޒެއް ބަހައްޓައިގެން ހިދުމަތް ދޭ ކަން އެނގިފައިވާ ކަމަށެވެ.

އަދި މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށް ވާއިރު، ޕޭވްމަންޓުތަކުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ވެސް ކުރާނެ ކަމެއް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކެފޭ އެއް ކައިރި ގޮނޑިއާއި މޭޒު އަތުރާފައި

މީގެ އިތުރުންވެސް ކެފޭ އަދި ޓޭކްއަވޭގެ ހިދުމަތްތައް ހުއްދަ ދީގެން ހިންގަމުންދަނީ ހުޅުމާލެ އަކީ އެންމެންނަށް ވެސް ހިތްހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކުގެ އިތުރުން މަގު ބޭނުން ކުރަމުންދާ އެންމެންނަށްވެސް އުނދަގޫތައް ކުރިމަތި ވަމުން އަންނަ ކަމަށް އާބަންކޯއިން ބުނެފައި ވެއެެވެ.

އަދި މަގުތަކަކީ ވީހާވެސް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި އެކްސެސިބިލިޓީގެ ގޮތުން، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފަ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ވިޔަފާރިތައް ބައްޓަން ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އަދި އާންމުންނަށް އުނދަގޫވާ މިފަދަ ކަންކަން ނުކުރުމަށް އަބަދުވެސް އާބަންކޯއިން ނަސޭހަތްތެރިވަމުންދާއިރު ދާދިފަހުންވެސް ވަނީ ހުޅުމާލެ ބީޗް ސަރަހައްދުގައި ކެފޭ އުސޫލުން ހިދުމަތް ދެމުންދާތީ އެކަން މަނާކޮށްފައެވެ.