އާއިލާތައް ރޫޅެނީ، އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމުގެ ސަބަބުން ކަމަށާއި ހަޔާތް ބާއްޖަވެރި ކުރުމަށް އިހްތިރާމު ކުރުމަކީ މުހިއްމު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ 'އިހްތިރާމް ކުރުން' މި މައުޟޫއަށެވެ. މިއަދުގެ ހުތުބާގައި ބުނީ އިހްތިރާމް ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި އަހްލާގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެކެވެ. "މުސްލިމުންގެ ހައިސިއްޔަތުން އަހަރެމެން އެންމެ ބޮޑަށް އިހްތިރާމް ކުރަން ޖެހޭ ފަރާތަކީ މާތްﷲ. އަހަރެމެން އެކަލާނގެ ޒާތުފުޅު މަތިވެރިކޮށް، އެކަލާނގެ ދީނަށް އިހްތިރާމް ކުރަން ޖެހޭނެ" ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މުޖުތަމައުގައި އިހްތިރާމް ނުކުރުމުގެ އިޖްތިމާއީ ވަބާ ފެތުރިފައި ވާއިރު، ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް، އަވަށްޓެރީން އަވަށްޓެރީންނަށް، ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް އަދި މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިހްތިރާމް ކުރުން ހިތާމަކުރަން ޖެހޭ މިންވަރަށް ކުޑަވެފައިވާ ކަމަށެވެ.
މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް ކަން ހަނދާންކޮށް ދެމުން ހުތުބާގައި ބުނީ މި ބަލި އުއްމަތެއްގައި ތެރޭގައި ފެތުރިއްޖެނަމަ، އެބަޔަކު ހަލާކުވެދާނެ ކަމަށާއި އާއިލާއެއްގެ ތެރޭގައި ފެތުރިއްޖެ ނަމަ، އެ އާއިލާ ރޫޅިދާނެ ކަމަށެވެ.
އިންސާނާ އުފައްދަވާފައި ވަނީ އިހްތިރާމް ލިބިގެންވާ މީހެއްގެ ގޮތުގައި ކަން ފާހަގަކޮށް ހުތުބާގައި ބުނީ މީސްތަކުންނާ މުހާތަބު ކުރާއިރު އިހްތިރާމް ކުރުމަށް އިސްލާމްދީން ގޮވައިލާ ކަމަށެވެ. މާތް ﷲ އަހަރެމެންނަށް ގޮވައިލައްވަނީ މީސްތަކުންނަށް އިހްތިރާމް ކުރުމަށާއި އިސްލާމީ އަހްލާގުން އަދަބުވެރިވެ، މުއާމަލާތް ކުރުމަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މީސްތަކުންގެ ހިތްތައް ފަތަހަ ކުރެވޭނީ އިހްތިރާމް ކުރުމުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އިހްތިރާމް ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި އަނބިންނާއި ފިރިންވެސް ހިމެނޭ ކަމަށެވެ. އަދި ޒަވާޖީ ހަޔާތް ކާމިޔާބު ވުމުގެ އަސާސަކީ އިހްތިރާމް ކަމަށާ އެކަކު އަނެކެއްގެ ސިއްރުތައް ހިފަހައްޓަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.