ވާއިލް އަލް ޒާދު އަކީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔުނިވާސިޓީ ޕްރޮފެސަރެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަލްސްތީނުގައި ދީނީ ދަރުސް ދެމުން ދިޔަ ވަރުގަދަ ޝަހުސިއްޔަތެކެވެ.
ވާއިލް އަލް ޒާދު އުފަންވީ ޑިސެމްބަރު 24، 1972 ގައެވެ. ހައި ސްކޫލުން ޑިގްރީ ހާސިލް ކުރެއްވީ 1990–1991 ވަނަ އަހަރު ތެރޭގައެވެ. އަދި 1995 ވަނަ އަހަރު ފަންޑަމަންޓަލްސް އޮފް ރިލީޖަން އިން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވިއެވެ. 1997 ވަނަ އަހަރު މައްކާގައި ބޭއްވި ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތުގައި ފަލަސްތީނުގެ ދައުލަތް ތަމްސީލުކުރެއްވި ވާއިލް އަލް ޒާދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް ގާޒާ އިން 2001 ވަނަ އަހަރު ނޮބަލް ހަދީސް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
ވާއިލް އަލް ޒާދު ޑޮކްޓަރު ޑިގްރީ ހާސިލުކުރެއްވީ އައިން ޝަމްސް ޔުނިވާސިޓީންނެވެ. އޭނާ ވަނީ ކޮލެޖް އޮފް އެޕްލައިޑް ސައިންސަސްގެ ޔުނިވާސިޓީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ ކުރިން ގާޒާގައި ހުންނަ އަލް-ކުޑްސް އޯޕަން ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާފައިވެއެވެ. ވާއިލް އަލް ޒާދު މަޝްހޫރުވެފައިވަނީ ގާޒާ ސިޓީގެ ބޮޑު އޮމާރީ މިސްކިތާއި ތޫފާގެ އަވަށްޓެރި ހިސާބުގައިވާ އަލްމަހާތާ މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާ އިމާމެއްގެ ގޮތުގައެވެ.
އަބަދުވެސް އިސްލާމްދީންގެ ތެދުމަގު އެހެން މީހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރި ވާއިލް އަލް ޒާދު އޭނާގެ ދަރިފުޅު ބަރާއާ، ހައްދުފަހަނަޅާފައިވާ އިޒްރޭލުން ޝަހީދުކޮށްލުމުން މުޅި އުއްމަތަށް ދިނީ އިބްރަތްތެރި މެސެޖެކެވެ. ދަރިފުޅުގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް އިޒްރޭލުން ދިން ހަމަލާގައި ބަރާއާ ޝަހީދުވުމުންވެސް މުސްލިމުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް ދެއްކީ ނަމޫނާ އާއި ހިތްވަރެވެ. 'ފަލަސްތީނާ، އިސްލާމްދީނަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ވުރެ ލޯބިވާ އަދި އަޅުގަނޑުމެންނަށް މުހިންމު ބައެއް' މީގެ އިތުރުން ވާއިލް އަލް ޒާދު ބުނެފައިވަނީ ޒުވާން ޖީލު އޭނާގެ ދަރިފުޅުގެ ފިޔަވަޅުން ނަމޫނާ ލިބިގަނެ މިނިވަންކަމުގެ މަގު ހޯދަން ޖެހޭކަމަށެވެ. "ބަރާއާ ނެތް ނަމަވެސް، މިއީ އޭނާގެ ފިޔަވަޅުމަތީގައި ތިބި ޖީލުތަކެއް" ވާއިލް އަލް ޒާދު ބުނެފައިފައިވެއެވެ،
ވާއިލް އަލް ޒާދުގެ ދަރިފުޅު ޝަހީދުކޮށްލިތާ އެއް މަސްފަހުން އޮކްޓޯބަރު 13، 2023 ގައި، ހައްދުފަހަނަޅާފައިވާ އިޒްރޭލުން ވާއިލް އަލް ޒާދުގެ ގެއަށް އަމާޒުކޮށް ދިން ހަމަލާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާ އަވަހާރަވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ.