މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމްގެ އުއްމަތަށް މާތް ﷲ ދެއްވި އެންމެ މުހިންމު އެއް ހަތިޔާރަކީ ކީރިތި ޤުރުއާނު ކަމަށްވާ އިރު އެފޮތުގެ 18 ވަނަ ސޫރަތް ކަމަށްވާ ސޫރަތުލް ކަހަފްއަކީ ހަމަ ގައިމުވެސް މުސްލިމުންނަށް އައްޑަނައެކެވެ.
އެސޫރަތުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ގިނަ ގުނަ ހިކުމަތްތެރި ވާހަކަތަކަކީ އޭނގެން އިބުރަތް ހާސިލްކޮށް ފިލާވަޅުތައް ދެނެގަންނަން ޖެހޭ ފަދަ މުހިއްމު ވާހަކަތަކެކެވެ. މިގޮތުން، ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކައާ މޫސާގެ ފާނާއި ހިދުރުގެ ވާހަކައާއި ގަދަ ފަދަ ރަސްގެފާނު ޒުލްގަރްނައިންގެ ވާހަކައަކީ ކޮންމެ މުސްލިމަކަށް ވެސް އެނގެން ޖެހޭ އަދި އެނގުމުން ފައިދާ ކުރާނެ ވާހަކަތަކެކެވެ. މި ވާހަކަތަކުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ކެތްތެރިކަމާއި ޝުކުރުވެރިވުމުގެ މުހިއްމު ކަމާއި ކުރިމަތިލާ އިމްތިހާނުތަކުގައި މާތް ﷲ އަށް ކުއްތަންވާން ޖެހޭ ކަމެވެ.
ކޮންމެ ހުކުރު ދުވަހަކު ކަހަފް ސޫރަތް ކިޔަވާ މީހަކަށް އެއް ހުކުރުން އަނެއް ހުކުރަށް އަލިކަމެއް ވިދާނެ ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާ އިރު އެސޫރަތުން ލިބޭ ފިލާވަޅުތަކަށް އަވަސް ނަޒަރެއް ހިންގާލާނަމެވެ.
-
ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކަ
ކަހަފް ސޫރަތް ފައްޓަނީ ވެސް އިބުރަތްތެރި އަދި ހިކުމަތްތެރި ވާހަކައަކުންނެވެ. އެއީ ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކައިންނެވެ. އަނިޔާވެރި ރަސްކަނލެއްގެ ފަރާތުން އެމީހުންގެ އީމާންތެރިކަން ރައްކާތެރި ކުރުމަށް ހޮހޮޅައަކަށް ވަދެ ފިލާ ޒުވާނުންތަކެއްގެ ވާހަކައެވެ. މާތް ﷲ އެބައި މީހުން ރައްކާތެރިކޮށް ދެއްވީ 300 އަހަރުގެ ދިގު ނިންޖެއްގެ ތެރެއަށް އެމީހުން ފޮނުވާލައިގެންނެވެ.
މި ވާހަކައިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި މާތް ﷲގެ ފަރާތްޕުޅުން ވާގި ހޯދުމުން ލިބޭ ފައިދާއެވެ. އެޒުވާނުން އެމީހުންގެ އިމާންތެރިކަމުގައި ވަރުގަދު އަޒުމުގައި ތިބީތީ ﷲ ސުބަހާނަހޫވަތައާލާ އެމީހުންނަށް އެކަމުގެ ދަރުމަ ދެއްވީއެވެ. ކޮންމެ ކަމެއް ދިމާވި ނަމަވެސް އެންމެ ފުރަތަމަ އެހީއަށް އެދި އަތް އުފުލަންވީ އެކަލާނގެ ހަޒްރަތަށެވެ. އަދި އެކަލާނގެ އަށް އިތުބާރުކޮށް އެއީ ކުޅަދާނަވަންތަ ރަސްކަލާނގެ ކަން ޝައްކެއް ނެތި ޤަބޫލުކުރަންވާނެއެވެ.
2. ދަނޑު ހައްދާ ދެ މީހުންގެ ވާހަކަ
މި ވާހަކައިގައި ގެނެސްދެނީ ދަނޑު ހައްދާ ތަފާތު ދެ ފިރިހެނުންގެ ވާހަކައެވެ. އެކަކީ މުއްސަނދި އަދި ކިބުވެރި މީހެކެވެ. އަނެއް މީހާ އަތުގައި މާ ގިނަ މުދާ ނެތް ނަމަވެސް އޭނާ އަބަދުވެސް މާތް ﷲ ހަމްދުކޮށް ޝުކުރުކުރެއެވެ.
އެބޮޑާ މުއްސަނދި މީހާ ހީކުރީ އޭނާގެ މުދަލަކީ ދާއިމާ ދެމިގެންދާނެ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މާތް ﷲ އޭނާގެ ދަނޑުބިންތައް ހަލާކުކުރެއްވި އިރު އޭނާއަށް ހިތާމައާ ހިތްދަތިކަމާ ކުރިމަތިލާން ޖެހުނެވެ. ބަދަލުގައި އެންމެ ކުޅަދުންވަންތަ އަދި ރަހްމާންވަންތަ ރަސްކަލާނގެ ހަނދުމަކޮށް ދުއާކުރި މީހާއަށް ރަހްމަތް ލެއްވިއެވެ.
މި ސާދާ ވާހަކައިން ދޭހަވާ ފިލާވަޅު އަގެއް ނުކުރެވޭނެއެވެ. މުދަލާއި ދުނިޔެވީ އުފާތަކަކީ ވަގުތީ އެއްޗެއް ކަމާއި އެއީ ކޮންމެ ވަގުތަކެއްގައި ވެސް ގެއްލިގެންދާނެ އެއްޗެއް ކަން އެނގިގެންދެއެވެ. އަދި އެންމެ ބޮޑު ކާމިޔާބީއަކީ ތިބާއާ މާތް ﷲއާ ދެމެދު އުފައްދާ ގުޅުން ކަމަށާ އެކަލާނގެ ރަހްމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން ކަން ބަޔާންވެގެންދެއެވެ. ކަހަފް ސޫރަތް އަޅުގަނޑުމެންނަށް ބާރު އަޅަނީ ދުނިޔެވީ އެދުންތަކާ ދުރުވެ އާހިރަތުގެ ކާމިޔާބު ހޯދުމަށެވެ.
3. ސަލާމް ލެއްވި މޫސާގެ ފާނާ ޙިދުރުގެ ވާހަކަ
މޫސާގެފާނުގެ ވާހަކަތަކަކީ ކީރިތި ގުރުއާނުގެ އެކި އެކި ސޫރަތްތަކުގައި އައިސްފައިވާ ވާހަކަތަކެކެވެ. މިގޮތުން ކަހަފް ސޫރަތުގައި ބަޔާންކޮށްފައިވަނީ އެކަލޭނގެފާނާއި އިލްމުވެރިޔާ ޙިދުރުގެ ވާހަކައެވެ.
މޫސާގެފާނު ޙިދުރުގެ އަރިހަށް ވަޑައިގަތީ އޭނާއަކީ މާތް ﷲ ދެއްވި އިލްމު ލިބިގެންވާ މީހެއް ކަމުން އެއިލްމު އަމިއްލަފުޅަށް ހޯއްދެވުމުގެ ނިޔަތުގައެވެ. ދެ ބޭފުޅުން އެއްކޮށް ކުރެއްވި ދަތުރުގައި ޙިދުރުގެ ފަރާތުން ފެނިގެން ދިޔަ ބައެއް އަމަލުތައް މޫސާގެފާނަށް ވިސްނިވަޑައިނުންނަވައެވެ. ގަސްތުގައި ބޯޓެއް އަޑިއަށް ދުއްވާލުމާ އެކުޑަ ކުއްޖާ މަރާލުމާ ފާރެއް ރޭނުމަށްފަހު އޭނގެ ފައިސާ ނުނެގުން ހިމެނެއެވެ.
މީގެ ކޮންމެ އަމަލީ އޭނގެ އިބުރަތްތެރި ފިލާވަޅުތަކެއް ފޮރުވިފައިވާ އަމަލުތަކެއް ކަން ފަހުން އެނގިގެންދާ އިރު މިއީ މޫސާގެފާނަށް އެންމެ ފުރަތަމަ ވިސްނިވަޑައިނުގެންނެވި ކަންކަން ވެސް އެނގިގެންދެއެވެ.
ކަހަފް ސޫރަތް މިފަހަރު ދޭ ފިލާވަޅަކީ އިންސާނާގެ އިލްމާ ވިސްނުމުގެ ހުރި އުނިކަމުގެ ފިލާވަޅެވެ. އަޅުގަނޑުމެންނަށް ވިސްނަން ނޭނގޭ ނުވަތަ ނަގައިގަންނަން އުނދަގޫ ކިތަންމެ ކަމެއް ދިރިއުޅުމުގައި ދިމާވެދާނެއެވެ. އެހެންނަމަވެސް މާތް ﷲގެ އިލްމުފުޅަކީ އަޅުގަނޑުމެންގެ ވިސްނުމަށް ނަގައިގަނެވޭނެ އެއްޗަކަކަށް ވުރެ ފުރިހަމަ އަދި ކުޅަދާނަ އެއްޗެއް ކަމަށް އެނގެންވާނެއެވެ. މޫސާއާއި ޚިދުރުގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ކެތްތެރިކަމާއި، ނިކަމެތިކަމާއި، الله ގެ ރޭވުމަކަށް އިތުބާރުކުރުމެވެ.
4. ޒުލްގަރްނައިންގެ ވާހަކަ
ޒުލްގަރްނައިންއަކީ ބާރުގަދަ އަދި އަދުލުވެރި ރަސްކަނލެކެވެ. އެރަސްގެފާނަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް މީސްތަކުންނަށް އެހީވެ ހައްދަވާ ރަސްކަނލަކެވެ. މީގެ ތެރެއިން އެއް ދަތުރުގައި އެކަލޭނގެފާނަށް ދިމާވީ އެއް ބަޔަކީ ޔައުޖޫޖް މައުޖޫޖްގެ ނަމަކަށް ކިޔާ ދެ އަވަށެއްގެ މީސްތަކުންގެ ފަރާތުން ތުރާ ލިބެމުން ދިޔަ ބަޔަކާއެވެ. އެމީހުންގެ އެދުމުގެ މަތިން ޔައުޖޫޖް މައުޖޫޖްގެ ފަރާތުން ދުނިޔެ ސަލާމަތްކުރުމަށް އެދެބާގާގެ މީހުންނާ ދުނިޔޭގެ އެހެން ސަރަހައްދުތަކާ ދެމެދު ޒުލްގަރްނައިން ވަރުގަދަ ފާރެއް ރޭނިއެވެ. މި ފާރަކީ ގިޔާމަތް ދުވަހުގެ އެންމެ ފާޅުކަން ބޮޑު އަލާމަތްތައް އަންނާނެ ދުވަހާ ހަމައަށް ވެސް ހުންނާނެ ފާރަކަށްވާ އިރު އެފާރު ތަޅާލާ ޔައުޖޫޖް މައުޖޫޖް ބާގާގެ މީހުން ނިކުންނަ ދުވަހަކީ ދުނިޔެ ނިމުމުގެ ނިޝާނެކެވެ.
ޒުލްގަރްނައިންގެ މަސައްކަތަށް އެގައުމުގެ މީހުން ތައާރަފް ކުރުމުން އެރަސްގެފާނު ވަނީ އެފާރަކީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ އެކަލާނގެ ހުސްތޯހިރުވަންތަކަމަށް ހެކި ދެއްވާފައެވެ.
ރަސްގެފާނު ޒުލްގަރްނައިންގެ ވާހަކައިން ލިބޭ އިބުރަތަކީ އާރާ ބާރު ލިބެގެންވާ ހިނދު އެހެން މީހުންނަށް އެހީވުމުގެ މުހިންމު ކަމެވެ. އަދި މާތް ﷲ އީ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެ ކަން އަބަދުވެސް ގަބޫލުކުރުމާ އެކަލާނގެ ކުޅަނދުންވަންތަކަމުގެ ބޭރުގައި އެއްވެސް ކަމެއް ނެތް ކަމަށް ހިތުގެ އަޑިން ގަބޫލުކުރުމެވެ.
5. މާތް ﷲ އަށް އިތުބާރު ކުރުމާ އެކަލާނގެއަށް ހަމްދުކުރުމުގެ މުހިންމުކަން
ކައުވަންތަ ﷲ އަށް އިތުބާރުކުރުމާ، އެކަލާނގެ އަށް ކުއްތަންވެ ހަމްދުކުރުމުގެ މުހިންމު ކަން ކަހަފް ސޫރަތުގައި އެކި ފަހަރުގެ މަތިން އައިސްފައިވެއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ އެއްޗަކަށް ޝުކުރުވެރިވުމާއި ދަތިތަކުގެ ތެރޭގައި ކެތްތެރިކަމަކީ މުއުމިނަކަށް ކޮންމެހެން ބޭނުންތެރި ސިފަތަކެކެވެ. އަދި الله ގެ ރޭވުމަށް އިތުބާރުކޮށްގެން، ދިރިއުޅުމުގެ ގޮންޖެހުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ސުލްހަވެރިކަމާއި ހިތްހަމަޖެހުމާއެކު ދަތުރުކުރެވޭނެއެވެ.