ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމަންޓުތައް އޮޅުވާލައިގެން ވިއްކި މައްސަލަ އާބަންކޯއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އާބަންކޯއިިން ބުނީ "ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމަންޓުތައް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން މި މައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް އެ ކޯޕަރޭޝަނުން މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ދޭ ކަމަށެވެ.
ހަންބޯ ކޮމްޕެނީއިން ހުޅުމާލޭގައި ގާއިމް ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް އެ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ހަސަން މަމްދޫހުގެ މައްޗަށް ތުހުމަތުކޮށްފައިވާއިރު މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ 95 ޕަސެންޓު ހިއްސާ އޮންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ މަމްދޫހުގެ އޮންނަނީ 5 ޕަސެންޓް ހިއްސާއެވެ. ނުއަގުގައި އެތައް ބަޔަކަށް އެޕާޓްމަންޓްތައް ވިއްކާފައި ވާއިރު އެޕާޓްމަންޓުތައް ގަނެ ވިއްކުމުގެ އެއްބަސްވުންތަކުގައި މަމްދޫހު ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ. މަމްދޫހުގެ އަމިއްލަ ބޭނުމަށް ކަސްޓަމަރުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބާޔާނުގައިވާ ގޮތުން އެޕާޓްމެންޓް ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ނަގުދު ފައިސާއިން ފައިސާ ދެއްކުމަށް މަމްދޫހު އެދިފައިވާ ކަމަށް ކަސްޓަމަރުން ބުނެފައި ވާއިރު ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީ ސީދާ މަމްދޫހު އަދި ޖައިޝަން ސައީދުއެވެ.
އޮޅުވާލައިގެން 2 ކުންފުންޏެއް ކޭޕާކް އާއި ޖިން ޝިހޫގެ ނަންމަތީ ރަޖިސްޓަރީކޮށް، އެ 2 ކުންފުނި ބޭނުންކޮށްގެން ހަންބޯގެ ނަމުގައި ވެސް މުއާމަލާތަކެއްކޮށްފައިވާ ކަމުގެ ތުހުމަތު އެ ކުންފުނިން މަމްދޫހުގެ މައްޗަށް ކުރެއެވެ. މަމްދޫހުގެ މަކަރާއި ހީލަތުން ކުރި މި މުއާމަލާތްތައް އާބަންކޯގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށައި ޖައިޝަން އާއި މަމްދޫހުއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް މިހާރު އެދިފައިވާނެ ކަމަށް ހަންބޯއިން ބުނެއެވެ.