މޫސުން ގޯސްވެ، ރ އަތޮޅުން ފެށިގެން ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އެސަރަހައްދަށް މިރޭ 8:30 އިން ދަންވަރު 12:30 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރެއެވެ.
އޭގެ އިތުރުން މެޓް އޮފީހުން ވަނީ މިރޭ 7:00 އިން ދަންވަރު 1:00 އަށް ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެސަރަހައްދަށް ބޯކޮށް ވާރެވެހި ގުގުރާ، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މާދަމާ އަދި ހޮނިހިރު ދުވަހު މެދުރާއްޖެ ތެރެއަށާއި ދެކުނުގެ ސަރަހައްދުގައި އާންމު ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށާއި ކަނޑުދަވެ، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓު އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަމާލުވުމުގެ އިތުރުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެދިފައެވެ.