2023 އިން 2024 ވަނަ އަހަރަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅި ނަންތަކުގެ ތެރެއިން އިންތިހާބު ކުރުމަށް ގާބިލްވާ 4 ފަރާތުގެ ނަން އިއުލާން ކޮށްފިއެވެ.

ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެސްޓީއޯ އިން ހުޅުވާލާފައިވާ އިރު، ސުންގަޑި ހަމަވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ މުއްދަތާ ހަމައަށް އެ މަގާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ކުރި އިންޓަވިއުއަށް ރިއާޔަތްކޮށް، ނަން ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ހާޒިރުވި ހުރިހާ ފަރާތްތަކަކީ ވެސް އެ މަގާމަށް އިންތިހާބް ކުރުމަށް ގާބިލް ފަރާތްތަކެއް ކަމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ކެންޑިޑޭޓް ނަންބަރު 1 – ފާތިމަތު ޒުބްނާ އަދުނާން، މ.މެއިންޒް / ކ.މާލެ

ފާތިމަތު ޒުބްނާ އަދުނާނަކީ މި ވަގުތު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ ޕވޓ ލޓޑގެ ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް މާކެޓިން ޑިޕާޓްމަންޓްގެ އެންމެ އިސް ފަރާތެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓްފޯލިޔޯ މެނޭޖަރުކަން އަދި ކްރެޑިޓް މެނޭޖަރުކަން ވެސް އަދާ ކުރައްވާފައެވެ. ހަމައެއާއެކު އައްޑޫ އިންޓށނޭޝަނަލް އެއާޕޯޓްގެ ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް މާކެޓިން މެނޭޖަރު ކަމާއި ކޮމްޕެނީ ސެކްރެޓަރީކަން ވެސް އަދާކުރައްވާފައި ވެއެވެ.

ޒުބްނާ އަކީ މިވަގުތު އެއްވެސް ޕަބްލިކް ލިސްޓަޑް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަން އަދާކުރައްވަމުން އަންނަ ފަރާތެއް ނޫނެވެ.

ޒުބްނާ ވަނީ ޔުނިވާސިޓީ އޮފް ސަދާން ކުއީންސްލޭންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ސްޕެޝަލައިޒޭޝަން އިން ޕްރޮޖެކްޓް މެނޭޖްމަންޓް) އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީ އިން ބެޗެލާ އޮފް އާޓްސް (އޮނާސް) އިން ބިޒްނަސް އެންޑް މާކެޓިން މެނޭޖްމަންޓް (ފަސްޓް ކްލާސް އޮނާސް) ހާސިލް ކުރައްވާފައެވެ.

ޒުބްނާ އަކީ 2013 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ހިއްސާދާރެކެވެ. އަދި މިވަގުތު ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

ކެންޑިޑޭޓް ނަންބަރު 2 - އަބްދުالله ސައީދު، ވ. ޝެހެނާޒްމަންޒިލް / ކ.މާލެ

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ސުޕްރިންޓެންޑަންޓްގެ މަގާމް ފުރުއްވަމުން މިވަގުތު އަންނަ އަބްދުالله ސައީދު ވަނީ 2017 އިން 2019 އަށް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައެވެ. ސައީދަކީ މިވަގުތު އެސްޓީއޯ ބޯޑު ޑިރެކްޓަރެކެވެ. އޭގެ އިތުރުން ޕަބްލިކް ލިސްޓަޑް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރު ކަން އަދާކުރައްވަމުން އަންނަ ފަރާތެއް ނޫނެވެ.

ސައީދު ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓަރޭޝަން އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޓްރެއިނިން ޕްރޮގްރާމް ވެސް ފުރިހަމަ ކުރައްވާފައި ވެއެވެ.

ސައީދަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ހިއްސާދާރެކެވެ. އަދި މިވަގުތު އެސްޓީއޯގެ 1 ހިއްސާގެ ވެރިފަރާތެވެ.

ކެންޑިޑޭޓް ނަންބަރު 3 – ޗަމްޕާ ބްރަދާޒްގެ ފަރާތުން މުހައްމަދު އަހްސަން ސަލީމް، މއ. ޓިޔުލިޕްވިލާ / ކ.މާލެ

ޗަމްޕާ ބްރަ ދަރޒް ޕވޓ ލޓޑ އަކީ 1993 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރިސޯޓް ވިޔަފާރި، ހޯލްސޭލް ވިޔަފާރި އަދި ގޭ ހާއި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން އެސްޓީއޯގެ ހިއްސާ ގަނެފައިވަނީ 2001 ވަނަ އަހަރުއެވެ.

އެ ކުންފުނީގެ ފަރާތުން އެސްޓީއޯގެ ބޯޑު މެންބަރަކަށް ހޮވުމަށް ނޮމިނޭޓް ކޮށްފައި ވަނީ މުހައްމަދު އަހްސަން ސަލީމްގެ ނަމެވެ. އަހްސަނަކީ މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޓުއަރިޒަމް އެންޑް ހޮސްޕިޓަލީޓިގެ ދާއިރާއިން އެކިއެކި މަގާމްތައް އަދާކުރައްވާފައެވެ. އެގޮތުން ކޮންރެޑް ރަންގިލި، ހިލްޓަން ސީޝެލްސް، ލެސް ރޯޗެސް ސްވިޓްޒަލޭންޑް އަދި ކޮލެޖް ޑޫ ލިމަން ސްވިޓްޒަލޭންޑްގެ އިތުރުން، ރާއްޖޭގެ ގެސްޓް ހައުސް އަދި ޑައިވިން ދާއިރާގައި ވެސް ވަޒީފާ އަދާކުރައްވާފައި ވެއެވެ.

ހަމައެއާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ އާއި މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގައިވެސް އަހްސަން މަސައްކަތް ކުރައްވާފައި ވެއެވެ.

ސިންގަޕޫރުގެ ސަދަން ކްރޮސް ޔުނިވާސިޓީން މާސްޓާ އޮފް އިންޓަނެޝަނަލް ޓުއަރިޒަމް އެންޑް ހޮޓަލް މެނޭޖްމަންޓް ހާސިލްކުރަ އްވާފައިވާ އަހްސަން ވަނީ އޮސްޓްރޭލިޔާގެ ބްލޫ މައުންޓަންސް އިންޓަނެޝަނަލް ހޮޓަލް މެނޭޖްމަންޓް ސްކޫލުން ބެޗެލާ އޮފް ބިޒްނަސް އިން އިންޓަނެޝަނަލް ހޮޓަލް އެންޑް ރިސޯޓް މެނޭޖްމަންޓް ނިންމަވާފައެވެ. އަދި ސުވިޓްޒަލޭންޑްގެ ލެސް ރޯޗެސް ހޮޓަލް މެނޭޖްމަންޓް ސްކޫލުން ޑިޕްލޮމާ އިން ހޮޓަލް މެނޭޖްމަންޓް ވެސް ހާސިލްކުރައްވާފައި ވެއެެވެ. މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެލެޓާ ފްލައިން ކްލަބުން، ޕްރައިވެޓް ޕައިލެޓް ލައިސަންސްވެސް ހާސިލްކުރައްވާފައެވެ.

އޭނާއަކީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ އޯޕަން ވޯޓާ ސްކޫބަ އިންސްޓްރަކްޓަރު ކަަމާއި އިމަޖެންސީ ފަސްޓް ރެސްޕޮންސް އިންސްޓްރަކްޓަރެއް ވެސް މެއެވެ.

ޗަމްޕާ ބްރަދާޒް އަކީ މިވަގުތު އެސްޓީއޯގެ 595,17 ހިއްސާގެ ވެރިފަރާތަށް ވާއިރު، އަހްސަނަކީ އެސްޓީއޯގެ 200 ހިއްސާގެ ވެރިފަރާތެވެ. އަދި އަހްސަނަކީ މި ވަގުތު އެއްވެސް ޕަބްލިކް ލިސްޓަޑް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރު ކަން އަދާކުރައްވަމުން އަންނަ ފަރާތެއް ނޫނެވެ.

ކެންޑިޑޭޓް ނަންބަރު 4 – އާއިޝަތު ހުސެއިން މަނިކު، ހ.ރީނދޫކޮކާ / ކ.މާލެ

އާއިޝަތު ހުސެއިން މަނިކު ވަނީ 38 އަހަރު، ޒެޑްއެސްއެސް ޕވޓ ލޓޑ ހިންގެވުމުގައި އެކި ވަޒީފާ އަދާ ކުރައްވާފައެވެ. އަދި 2012 އިން 2013 އަށް އޭނާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައެވެ. ހަމައެއާއެކު އޭނާ ވަނީ 1990 އިން 1997 އަށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ޅ.އަތޮޅުގެ މެންބަރުކަން އަދާ ކުރައްވާފައެވެ.

އޭނާ ވަނީ ދިވެހި ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން ބެޗެލާ އޮފް އާޓްސްއިން ދިވެހި ލެންގުއޭޖް ވެސް ފުރިހަމަ ކުރައްވާފައިވާ އައިޝަތު ވަނީ މަހުގެ ބާވަތްތަކުން އެކި ކާނާ އުފެއްދުމާއި ފެޝަން ޑިޒައިންކުރުމާއި، ކިޔަވައިދިނުމާއި، މަސާޖް ތެރަޕީ އާއި، އިމަޖެންސީ ފަސްޓް އެއިޑް އާއި، އެނާޖީ އެފިޝަންސީ، ޔޯގާ، ކަތަކް އަދި ބޮލީވުޑް ޑާންސް އާއި ޅެން ހުށަހެޅުމުގެ އެކި އެކި ޓެކްނިކަލް ސެޓްފިކެޓް ވެސް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާއަކީ ޖަޕަނީޒް، އެރެބިކް، އުރުދޫ، އަދި ޗައިނީޒް ފަދަ ބަސްތައްވެސް އެނގިވަޑައިގަންނަވާ ފަރާތެކެވެ.

އޭނާއަށް ލިބިވަޑައިގެންފައިވާ ފާހަގަކޮށްލެވޭ އެވޯޑްތަކުގެ ތެރޭގައި 13 އަހަރު އަންހެނުންގެ ކޮމިޓީއަށް ހިދުމަތް ކުރައްވާފައި ވާތީ ސިޓީ ކައުންސިލުން ދެއްވާފައިވާ އެވޯޑް އަދި 2020 ވަނަ އަހަރު ދިވެހި އަދަބިއްޔާތާއި ފޮތް ލިޔުމުގެ ރޮނގުން، ލިބިލައްވާފައިވާ ރެހެންދީ އެވޯޑް ހިމެނެއެވެ.

އާއިޝަތު ހުސެއިން މަނިކަކީ 2001 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ ހިއްސާދާރެކެވެ. އަދި މިވަގުތު ކުންފުނީގެ 5 ހިއްސާގެ ވެރިފަރާތް ކަމަށް ވާއިރު، އޭނާއަކީ މިވަގުތު އެއްވެސް ޕަބްލިކް ލިސްޓަޑް ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރު ކަން އަދާކުރައްވަމުން އަންނަ ފަރާތެއް ނޫނެވެ.