ހއ. ދިއްދޫ ފަރަށް އެރި ޓަގް ފުން ކުރުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ބާޖާއި ޓަގް ފަރަށް އެރީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ރޭ ދަންވަރު ބާޖް ފުންކުރެވުނު ނަމަވެސް ޓަގް އަދިވެސް އޮތީ ފަރު މަތީގައި ކަމުން އިތުރު ބޯޓެއްގެ އެހީގައި ޓަގް މިރޭ ފުން ކުރަން ފަށާނެ ކަމަށެވެ.
އަބްދުﷲ ވަހީދު އިތުރަށް ވިދާޅުވީ "ބޯޓު އޮތީ ފަރުމަތީގައި އޭގެ ބުރަފައްޗާއި، ފަށަނާ ފެންނަ ވަރަށް އަރިވެފައި" ކަމަށެވެ. އަދި އެންވަޔަރަމަންޓް ޕްޓޮކްޝަން އެޖެންސީ (އީޕީއޭ) މި މައްސަލަ ހިއްސާ ކޮށްފައި ވާނެ ކަމަށާއި ފޮޓޯ ފޮނުވަން އެދުމުން ފޮޓޯވެސް ފޮނުވާފައިވާ ކަމަށެވެ.
ދިއްދޫ ކައުންސިލުން ބުނީ، ފަރަށް އަރާފައި ވަނީ ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ބަރުކޮށްގެން ދިޔަ ބާޖާއި ޓަގު ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ރަށަށް ހިލަ ހުސް ކުރުމަށް ފަހު އަނބުރާ ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.
ބާޖުގައި ފަޅުވެރިން ތިބި ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ކަމަށާއި މޫސުން ރަނގަޅު ވުމުގެ ސަބަބުން ފަޅުވެރިން ތިބީ ޓަގުގައި ކަމަށް ވެއެވެ. އަދި މިހާތަނަށް ފަޅުވެރިން، އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށާއި އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރު ކޮށްދޭން ތައްޔާރަށް ތިބި ކަމަށް ކައުންސިލުން ބުނެއެވެ.
މި މައްސަލައިގައި އީޕީއޭ ގެ ފަރާތުން އަދި ވަކި ޖަވާބެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. މިފަދަ މައްސަލަތަކުގައި މީގެ ކުރިން އީޕީއޭއިން އަމަލު ކުރަމުންދާ ގޮތަކީ، ފަރަށް ލިބިފައިވާ ގެއްލުންތައް ބަލާ ދިރާސާ ކޮށް އިހުމާލެއް ވެއްޖެ ނަމަ އެ ފަރާތެއް ޖޫރިމަނާ ކުރުމެވެ.