މިރޭ މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަމިއްލަ ފަރާތަކުން އެދިގެން މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރުންނެވެ.

21:00 އިން ފެށިގެން ޖުމްލަ ތިން މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާ އިވެންޓެކެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން މާލޭގައި މިރޭ ހަވާ އަރުވަނީ އީދު ބައިބަލާ ޗެލެންޖް 1444 ކާމިޔާބު ކުރި ކްލަބް ޓީނޭޖްގެ ފަރާތުން އުފާ ފާޅު ކުރުމުގެ ގޮތުންނެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފާވެއެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ހަވާ އަރުވާފައިވާއިރު އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން ހަވާއަރުވަދެއެވެ.