އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅައިފިއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައެވެ.
މިމައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅާފައިވާއިރު ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ތުހުމަތުކުރާ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެ ފައިސާއަކީ ސަން ކުންފުނިތަކުގެ ވެރިޔާ އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ގަތް 1.1 މިލިއަން ޑޮލަރު ކަމަށެވެ. އަދި ޑޮލަރަށްވާ ފައިސާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވިއެވެ.
މިމައްސަލައިގައި އަންނަ އާދީއްތަ ދުވަހު ހެކިބަސް ނަގަން އަޑުއެހުން ބޭއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.