ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީނަށް އަނިޔާވެރިވެ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް ފުލުހަށް ވަނީ ގޮވާލާފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ، މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން އިބްރާހީމް މުހައްމަދު ސޯލީހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާ ކަމަށެވެ. ގޮތުން މެއި މަހުގެ އެއްވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައި ވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭ ކަމަށް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ ނުފޫޒުން ހަރާން ހުކުމެއް ޖަހައި އަނިޔާވެރިވަމުންދާއިރު، ކުރިއަށް އޮތްތާ ޔާމިނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން ވަނީ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހުސްވި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާއެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ މިވަގުތު ގެއްލިފައެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދުރޭ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.