ތިލަމާލެ ބްރިގް މަޝްރޫގެ މަސައްކަތުގައި ބޭނުން ކުރާ ފްލޯޓެއް އަނެއްކާ ވެސް ވިލިމާލެ ފަރަށް އަރައިފި ކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިން މިނިސްޓްރީން ދޮގު ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ވިލިމާލެ ފަރާ ދިމާލުގައި ބްރިޖުގެ މަޝްރޫއަށް ބޭނުން ކުރާ "ބާޖެއް" ފަރަށް އަރާފައިވާ ކަަމަށް ބުނެ އާންމުން އަންނަނީ މި މަޝްރޫއުގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެއީ މީގެ ކުރިން ވެސް ބްރިޖް މަސައްކަތަށް ބޭނުން ކުރި ފްލޯޓެއް ފަރަށް އަރާފައި ވާތީ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާ ކުރަމުން އަންނަނީ މި މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އެ ސަރަހައްދުގައި ބްރިޖްުގެ މަސައްކަތަށް އަޅާފައިވާ "ފްލޯޓިން ބެޗިން ޕްލާންޓް" އެއްގެ ނަގިލި ކައްސާލައިގެން ފަރާ ދިމާއަށް އައިސްފައިވާ ކަަމަށެވެ. ނަމަވެސް އެ ފްލޯޓް ފަރަށް ނާރާ ކަމަށާއި އެ ވަގުތު އެ ފްލޯޓް ވަގުތުން ނަގާފައިވާ ކަމަށް ޖިނާން ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމެއް ވަނީ ވިލިމާލެ ފަރަށް އަރާފައެވެ. މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި ހިނގި މި ހާދިސާގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އެފްކޯންސް ކުންފުނި ވަނީ 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަދި މި ފައިސާ އެފްކޯންސްއިން ސަރުކާރަށް ނުދައްކާ އޮތުމުން އެކަމާ ގުޅިގެން ވެސް އާންމުން އަންނަނީ ފާޑު ކިޔަމުންނެވެ. މި ކަމާ ގުޅިގެން އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެފައި ވަނީ އެފްކޯސްގެ ޖޫރިމަނާ މައާފް ނުކުރާނެ ކަމަށާއި އެ ފައިސާ ދައުލަތަށް ހޯދައިދޭނެ ކަމަށެވެ.
މީގެ އިތުރުން ވެސް ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ކަނޑަށް ކެރޭނެއް ވެއްޓުނު ހާދިސާއެއް ވެސް ހިނގާފައެވެ. މި ހާދިސާ ހިނގާފައި ވަނީ މާލެ ސަރަހއްދުން އެންމެ ފުރަތަމަ ޓެސްޓިން ޕައިލް ޖެހި ކަނޑުގެ ސަރަހައްދުގައި ޕްލެޓްފޯމެއްގެ މަތީގައި ބޭނުންކުރަމުން ދިޔަ ކެރޭނެއް އަރިއަޅާލައިގެންނެވެ.