ތިލަމާލެ ބުރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޯންސް އިން އެ މަޝްރޫއު ނިންމުމަށް މުއްދަތު އިތުރުކުރުމަށް އެދެމުންދާތީ އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރު ބުރިޖުގެ މަސައްކަތް ނިންމަން ދިން އެތައް ތާރީހުތަކެއް ފަހަނައަޅާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ޕްރޮޖެކްޓް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށާއި މަސައްކަތްތައް ނުނިމި ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ވެސް ކޮންޓްރެކްޓަރު ވަރަށް ބޮޑަށް އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެންމެހާ އެއްބާރުލުން މިހާތަނަށް ވެސް ދެމުން އައި ނަމަވެސް، ހިތްހަމަޖެހޭ މިންވަރަށް އަވަސްމިނުގައި މަސައްކަތް ކުރިއަށް ނުދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެކި ފަހަރު މަތިން ކޮންޓްރެކްޓަރު މަސައްކަތް ނިމޭނެ މުއްދަތު އިތުރު ކުރުމަށް އެދިފައިވާ ކަމަށާއި ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު މިހާރު 2027 އަށް އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިން ވެސް އެގޮތަށް އެދިގެން ތާރީހް ބަދަލު ކުރި ނަމަވެސް މަސައްކަތް ތާރީހާ އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަކުރައްވައި ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން އިއްޔެ ހައުސިން މިނސިްޓްރީން ބުނެފައި ވަނީ މުޅި ބްރިޖުގެ 71.60 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 ޕަސެންޓް ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައި ކަމަށާއި 54 ޕަސެންޓް ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. މިއަދު ރައީސް ވަނީ އެ މުއްދަތު އަންނަ އަހަރަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސީދާ ތާރީހެއް ރައީސް ހާމައެއް ނުކުރައްވައެވެ.