މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްގަކީ ވަޒީފާ ކަށަވަރުވުން ކަމަށާ އެހެންނަމަވެސް މީގެ 30 އަހަރުކުރިން އުޅުނުހެން، ސަރުކާރާ ދެކޮޅަށް ހިޔާލެއް ފާޅުކޮށްފިނަމަ ވަޒީފާއިން ވަކިކުރާ ހިސާބަށްދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނުގައި ބުނީ ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހީލު ކަމަކަށް ވެފައިވާ ކަމަށާ ސަރުކާރަށް މަރުހަބާ ކިޔާ ޓްވީޓުކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައިވާ ކަމަށެވެ. އަދި ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު އެއީ ކަމަށް އެމްއެންޕީ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަކީ، ހަމަހަމަ ކަމާއެކު އުޖޫރަ ލިބުމުގެ ހައްގާ އަދި އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގުކަމަށް އެމްއެންޕީގެ ބަޔާނުގައިވަނީ ބުނެފައެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސްގެ އިހްތިޔާރުގައި ވަޒީފާ ދޭ ޕާޓީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރައާ އެކު ސިޔާސީ މަގާމުތައް ދިނުންކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ. އަދި ބޮޑެތި މަސައްކަތްކުރުވާ ތައުލީމީ އަދި ފަންނީ މީހުންނަށް ކުދި މުސާރަތައް ދެމުން އަންނަކަމަށް އެމްއެންޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.

ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން، މިއަދުވަނީ ފަންނީ މަސައްކަތްތެރިން އަޅުދާސްކުރެވިފަކަން ފާހަގަކޮށް އެމްއެންޕީން ބުނީ އެމީހަކު އަދާ ކުރާ މަސައްކަތަށް އެކަށިގެންވާ މުސާރައެއް ލިބިދޭންޖެހޭ ކަމަށެވެ. އަދި ކިޔަވައިގެން ތިބި މީހުންނަށް ގައުމުގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މުސާރަ އާއި ވަސީލަތްތައް ލިބެންޖެހޭކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ބައެއް ވުޒާރާތަށް ހިނގަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްއެންޕން ބުނީ ހާރިޖީ ދާއިރާއަކީ ރާއްޖޭގައި މީހުން ބިނާކުރުމުގައި އެންމެ ގިނަ ކާމިޔާބީ ހާސިލުކުރި އެއް ދާއިރާކަމަށެވެ. އެހެންނަމަވެސް މިއަދު އެމްބަސީތަކަކީ ޕާޓީ މީހުންގެ ވަޒީފާ އާއި ވިސާ ހޯދާދޭން ހުރި ތަންތަނަށް ވެއްޖެކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސިފައިންނާއި ފުލުހުންގެ ހިދުމަތަށް ބަލާލި ނަމަވެސް ފެންނަނީ ހިތާމަވެރި މަންޒަރުތަކެއްކަން ފާހަގަކޮށް އެމްއެންޕީން ބުނީ ސަރުކާރުތަކާއި އަދި ޕާޓީތަކުގެ ޒާތީ އަދި ނުރައްކާތެރި ސިޔާސީ ފިކުރުތަކުގެ ތެރެއަށް ސިފައިން ވަދެގެން ދާތަން ފެނުމަކީ ބަލަން އުނދަގޫ މަންޒަރެއް ކަމަށެވެ. މިއަދު ފެންނަމުންދަނީ ސިޔާސީ ނިންމުންތައް ދިފާއުކުރުމަކީ، ސފައިންގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ހަމަޖައްސަމުން ދާތަންކަމަށްވެސް އެމްއެންޕީން ވަނީ ބުނެފައެވެ.

ވޯޓާ ދިމާކޮށް ދިވެހި މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނުނެގުމަށް ގޮވާލާ އެމްއެންޕީންވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ހަމަހަމަ ކަމާ ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭނޭ ގޮތެއް ފަހިކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.