ހަތަރު ދިވެހިން ތިބި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުން ދިޔަ "މާކުރީ 7" ދޯނި އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދާން ދަތުރު ފަށާފައިވާ ކަމަށެވެ.

އެ ދޯނި މި ވަގުތު އޮތީ ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާގެ އިތުރު ތަފްސީލު އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން އެފަދައިން ބުނެފައި ވާއިރު، މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. މިގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ދަންވަރު 03:30 އިން މިއަދު ހެނދުނު 08:00ގެ ނިޔަލަށް އދ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މީގެ އިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ފަތިހު 04:30 އިން މިއަދު ހެނދުނު 09:00ގެ ނިޔަލަށް ރ. އަތޮޅުން ފެށިގެން ކ އަތޮޅަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.