ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކުރުމަށް ދަތިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު 241 ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅުގެ ކޮޕީއެއް ހޯދުމަށް ވެސް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.

އެ މައްސަލަ 241 ކޮމިޓީއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދި ޝަރީފް ހުށަހެޅުއްވި ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް ބްރީގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެފައި ވަނީ އިން ފުށު އަރާ ސަރަހައްދު އޮތްއިރު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވި ނަމަވެސް އިން ވަކި ކުރުމާއެކު ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަ ސަރަހައްދު ސާފުވެފައިވާ ކަމުގައެވެ.

މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރަހައްދު ކަނޑައަޅާފައި ވާ ކަމަށާއި އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް ދައްކެވި ވާހަކަތަކަށް ބަލާއިރު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ފާހަގަކުރަން ރާއްޖޭގެ ދިފާއީ ބާރަށް ދަތިވެ، މައްސަލަތައް ކުރިމަތިވެފައި ވާކަމަށް ދޭހަވާކަމަށް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައި ވެއެވެ. އެ މައްސަލައިގެ ސަބަބުން ސިފައިންނަށް ގާނޫނު އަސާސީގެ 243 ވަނަ މާއްދާގެ ހ އާއި ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާ އަދާކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރައްވައެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ވަކި ކުރަން ދަތިވާ ކަމުގައި ޝަރީފް ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފައި ވަނީ ޗާގޯސް ސަރަހައްދުގެ އިން ކަނޑައެޅުމާއެކު ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކުރަން ފަސޭހަވެގެން ދިޔަކަމަށާއި އެ ސަރަހައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމަށްޓަކައި އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކުގެ ތެރެއިން 2 ޕެޓްރޯލް ވެސެލް ބޭރުގެ ދެ ގައުމެއްގެ އެހީގައި ލިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދު ބަލަހައްޓާނެ ކަމަށްވެސް ދިފާއީ ބާރުން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަކީ ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުކަމަށް 199 ގައި އޮތް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައި ވާކަމާއި އެ ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ސިފައިންގެ ގާނޫނުގެ 7 ވަނަ މާއްދާގެ ނ ގެ ދަށުން ސިފައިންނާ ހާލުކޮށްފައި ވާކަން ޝަރީފް ފާހަގަ ކުރެއްވި އިރު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.