ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއްކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބައިނަލްއަގްވާމީ ގާނޫނުގެ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅައި، އެ ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ އައްޑޫ ސިޓީ ކައުންސިލުން އެކަން އުފަލާއެކު ފާހަނގަކޮށް މަރުހަބާ ކިޔާކަމެއްކަމަށެވެ.

މީގެ ކުރިން މި ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަހައްދެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ މި ސަރަހައްދަކީ އެހެން ގައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް މަންފާ ނަގަމުން ދިޔަ ސަރަހައްދެއްކަމަށެވެ.

އެހެންކަމުން އިޓްލޮސްއިން ނިންމި ނިންމުމާއެކު ބައިނަލްއަގްވާމީ ގާނުނުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންދާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ދިވެހި މަސްވެރިންގެ އިގްތިސާދީ ހައްގުތަށް ކަށަވަރުވެއްޖެކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އިތުރަށް ކައުންސިލުން ބުނީ މި ނިންމުމަކީ ރާއްޖޭގެ ދެކުނުން ހާއްސަ އިގްތިސާދީ ސަރަހައްދުގެ އައުޓާ ލިމިޓް ކަނޑައެޅި މި ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބިގެންދިޔަކަމެއްކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރާއްޖޭގެ ހަރިޖީ ސިޔާސަތު ބިނާވެފައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި، ބިނާކުރަނިވި ގޮތަކަށް ޒިންމާދާރުކަމާއެކު ބައިނަލްއަގްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށްކަމަށެވެ. އަދި އިޓޮލްސް އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް ރައީސް އިބްރާހީމް މުހއްމަދު ސާލިހުގެ ސަރުކާރުން އިހްތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެއްކަމަށެވެ.

ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް ރާއްޖޭގެ ސަރަހައްދުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސް ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ފާހަގަކޮށްފައެވެ.