ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާލޭގައި ހިންގާ ޑޮލަރު އޭޓީއެމް ސެންޓަރު، ސްޓާ ސިނަމާ ކުރިން ހިންގި މ. ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ބަދަލާއެކު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާޓިފިޝަލް ބީޗު ކުރިމަތިން ހ. މެރިން ޑްރީމްގައި މިހާރު ހުންނަ ޑޮލަރު އޭޓީއެމް ސެންޓަރު ބަންދުކުރާނެ ކަމަށެވެ.

ސްޓާ ކްލައުޑްގައި ހުންނާނީ ޑޮލަރު އޭޓީއެމް އެކަނި ކަމަށާއި އެ ތަނާ އެންމެ ކައިރިން، ދިވެހި ރުފިޔާ ނެގޭ އޭޓީއެމް ސެންޓަރަކަށް ހުންނާނީ އައިޖީއެމްއެޗުގައި ހުންނަ އޭޓީއެމް ސެންޓަރުގައި ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް އިން މަހެއްގެ މައްޗަށް ނެގޭ އެމެރިކާ ޑޮލަރުގެ ލިމިޓް އުވާލާފައިވާއިރު ބޭންކުން ބުނީ، މާލެ ސަރަހައްދުގައި ހުރި ބީއެމްއެލްގެ ޔޫއެސް ޑޮލަރު އޭޓީއެމްތަކުން ދުވާލަކު 1،600 ޑޮލަރު ނެގޭނެ ކަމަށެވެ.

މާލޭގެ އިތުރުން، ހުޅުމާލޭ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު ހުރެއެވެ.