ފޯޅަވަހި ހިމެނޭހެން ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، އެ މައްސަަލަ ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ސިޓީފުޅެއް ފޮނުއްވަން ނިންމަވާ، އެ ސިޓީފުޅުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ސޮއިކުރެއްވުމުގެ ދައުވަތު ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިޓްލޮސްއަށް ސިޓީއެއް ފޮނުވާނީ ރައީސް ޔާމީންގެ ނަންފުޅުގައި ކަމަށާއި، އެއީ އެމަނިކުފާނުގެ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

އެ ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރާނެ ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުވި "ސިއްރު ސިޓީ" ގައި ބަޔާން ކުރާ ކަންކަމަކީ ދިވެހިންގެ ގިނަ ބަޔަކު އެދޭ ގޮތް ނޫން ކަމަށެވެ. އަދި, އެ ސިޓީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ވެސް ރުހުން ނުދޭ ކަމާއި، ސިޓީ ދިވެހިންނަށް ހާމަކޮށްފައި ނެތް ކަން ވެސް ބަޔާން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ ހުކުރު ދުވަހު ޕީޕީއެމް އިން 'ކޮތަޅު'ގެ ނަމުގައި ބާއްވަން ނިންމި ޖަލްސާގެ ނަން 'ޗަ ގޯސް' އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އިޓްލޮސް އަށް ފޮނުވާ ސިޓީގައި ޔާމީން ސޮއި ކުރައްވާ އިރު، އޭގައި ސޮއި ކުރުމުގެ ފުރުސަތު ވަނީ ފަސް ޕާޓީއަކަށް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި އެމްއާރުއެމްއެވެ.

އިޓޮލްސްއަށް ޔާމީންގެ ސިޓީއެއް ފޮނުވަން ނިންމާފައިވާ އިރު، ޗާގޯސް މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް ތާވަލު ކޮށްފައިި ވަނީ، މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ. އެ ދައުވާއާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ބުނަމުން އަންނަނީ ޗާގޯސްއަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައިވާ ކަމަށް ބުނެ، އެކަން ސާފުކޮށްދިނުމަށް އެދި ވެސް އިދިކޮޅުން މިއަދު ވަނީ އެކި މުއައްސަސާތަކަށް ސިޓީ ފޮނުވާފައެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީހާއި ފޮރިން މިނިސްޓްރީ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް އިދިކޮޅުން ވަނީ ސިޓީ ފޮނުވާފައެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާކޮށް މޮރިޝަސްއަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު އެ ވޯޓު އދ މަޖިލީހުގައ ރާއްޖެއިން ދީ ވަނީ ނިންމާފިއެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުސަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް މިސަރުކާރުން ތުހުމަތު ކުރަމުން އަންނަ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެބައޮތެވެ.