ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުން ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެންމެ ފަހުން ހަ މަސް ދުވަހަށް އިތުރު ކޮށްފިއެވެ.
ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި އެ އިދާރާގެ އަންހެން މުވައްޒަފުންނަށް ދެވޭނީ ހަ މަހުގެ ޗުއްޓީއެކެވެ.
މި އުސޫލަށް ގެނައި އިސްލާހު ގެޒެޓުގައި މިއަދު ޝާއިއުކުރުމުން، މި އަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
މާޗް 2019 އިން ފެށިގެން، ވިހެއުމާ ގުޅިގެން އަންހެން ސިވިލް ސާވަންޓުންނަށް މުސާރަ ލިބޭ ގޮތަށް ހަ މަހުގެ ޗުއްޓީ އެއް ދެއެވެ. އެކަމަކު ސަރުކާރުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ ބޯޑު މެންބަރުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތު ކަނޑައަޅަނީ އެ ތަންތަނުގެ ބޯޑު މެންބަރުންނެވެ.
ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން، އެ އިދާރާގެ އަންހެން މެންބަރުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރަން ނިންމާފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޓްރައިބިއުނަލްގެ މެންބަރު މަރިޔަމް ޝަމްއާ އިބްރާހީމް ވިހެއުމަށް ފަހު، ދެ މަސް ދުވަސް ނުވަނީސް ވަޒީފާ އަށް ނުކުންނަށް އެންގި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.
ޝަމްއާ ވިދާޅުވީ، ވިހެއުމަށް ފަހު ޓްރައިބިއުނަލުން ދިން ދެ މަހުގެ ޗުއްޓީ ހަމަވާން ގާތްވެފައި ވަނިކޮށް ޗުއްޓީ އިތުރުކޮށްދިނުމަށް އެދި އެ އިދާރާ އަށް ސިޓީ އެއް ހުށަހެޅި ކަމަށާއި، ނަމަވެސް ޗުއްޓީ އިތުރުކޮށްދެވެން ނެތް ކަމަށް ބުނެ، މުސާރަ ނުހިނގާ ގޮތަށް ގޭގައި ހުރެވިދާނެ ކަމަށް އެ ސިޓީގެ ޖަވާބުގައި ޓްރައިބިއުނަލުން ބުނި ކަމަށެވެ.
ނަމަވެސް ޝަމްއާ އަށް ރައްދު ދީ ޓްރައިބިއުނަލުން ބުނި ގޮތުގައި، ޝަމްއާ އަށް ދެވެން ހުރި ލުއިތައް ދިނުމަށް އެ އިދާރާ އިން މަސައްކަތްކޮށްފައި ވާނެއެވެ. އެ އިދާރާ އިން އޭރު ބުނި ގޮތުގައި:
- ވިހެއުމަށް ފަހު އަންހެން މެންބަރުން ހަ މަހުގެ ޗުއްޓީ އެއް ނެގުމުން ޓްރައިބިއުނަލްގެ މަސައްކަތްތަކަށް ބުރޫ އަރާ
- އެކަމުގެ ސަބަބުން އާންމުންގެ ހައްގުތަކަށް އަރައިގަނެވޭ ކަމަށް މެންބަރުންނަށް ގަބޫލުކުރެވޭ
އެހެންވެ، އެ އުސޫލު ފާސްކުރިއިރު، ޝަމްއާ ހިމެނޭހެން ހުރިހާ މެންބަރުން ތާއީދުކުރެއްވީ މަސައްކަތްތަކަށް ބުރޫ ނާރާނެހެން ޗުއްޓީ ނެގުމަށް ކަމަށް ވެސް، ޓްރައިބިއުނަލުން އޭރު ބުންޏެވެ.