ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 42,000 ޑޮލަރު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިމިއްޖެއެވެ.
މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް އައްޔަންކުރި ފުރަތަމަ ބޭރުގެ ސީއީއޯ މަގާމުން ވަކިކުރީ އައްޔަންކުރިތާ ތިން މަސް ފަހުންނެވެ. ވިޓަލީ ވަޒީފާއާ ބެހޭ ޓްރައިބިއުލަނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ.
އެހެންވެ، އޭނާ އެ މައްސަލައިގައި އެދުނީ މަގާމުން ވަކިކުރީ ދޭންޖެހޭ ނޯޓިސް ނުދީ ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ދިނުމެއް ނެތި ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށެވެ.
ވިޓަލީއާ އެއްކޮށް މިފްކޯ އިން ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދައިފައިވާކަން ފާހަގަކޮށް ޓްރަބިއުނަލުން ބުނީ އެ ވަޒީފާގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެކަމުގެ ގާނޫނީ ހުއްދަ އޮތް ފަރާތަކުން ނޫން ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން ތަންފީޒު ނުކުރެވޭ އެއްބަސްވުމެއްގެ ދަށުން ނޯޓިސްގެ ބަދަލުގައި އެއްވެސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް ނެތް ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.
