ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ޝުއައިބު ޔޫސުފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
މި މަގާމަށް ޝުއައިބު ޔޫސުފް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޝުއައިބު ޔޫސުފް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. އެމަނިކުފާނަށް މި ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަލީ ރަޝީދު ހުސައިންއެވެ. ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުއައިބު ޔޫސުފާ ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކާއި ޚިލާފުތައް ބަލައި އިންސާފު ގާއިމުކޮށްދިނުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާއެކެވެ.
