ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މަމްދޫހަށް މަގާމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހާއްމަދުއެވެ. ހުވައިކުރެއްވުމަށްފަހު، މަގާމުގެ އިގްރާރުގައި މަމްދޫހް ވަނީ ސޮއިކުރައްވާފައެވެ.
މި މަގާމަށް އައްޔަންކުރެއްވި އަހްމަދު މަމްދޫހަކީ ތައުލީމީ ދާއިރާއިން ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މަމްދޫހް ވަނީ މީގެކުރިން ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާ އަދާކުރެއްވިއެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަމްދޫހް ހުންނެވީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، ވަޒީފާގެ މައްސަލަތައް ބަލައި ގޮތް ނިންމުމުގެ އިހްތިސާސް ލިބިގެންވާ މުއައްސަސާއެކެވެ.
