ވާޗުއަލްކޮށް ޓީޗިން ކޯސް ހިންގުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެފިއެވެ.

މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ވަނީ "ގައިޑްލައިންސް ފޯ އީ ލާނިން" ގައިޑްލައިންގެ 11 ވަނަ މާއްދާގެ ދަށުން އީ ލާނިން މެދުވެރިކޮށް ޓީޗިން ދާއިރާއިން ނުކިޔެވޭނެ ކަމަށް އޮތް އޮތުމަށް އަމަލުނުކޮށް ފަސްކުރުމަށް ހައިކޯޓުގެ އިއްތިފާގުން ނިންމާކަމަށެވެ.

ވާޗުއަލްކޮށް ނުވަތަ އޮންލައިންކޮށް ޓީޗިން ދާއިރާގެ ކޯސްތައް ހިންގުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ދައުވާ ހުށަހެޅީ މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. އެ ކުންފުނިން މި ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އީ ލާނިން ގައިޑްލައިން ގެ 11 ވަނަމާއްދާ "ޓައިޕްސް އޮފް އެކަޑެމިކް ޕްރޮގްރާމްސް ފޯ ޑެލިވަރީ އިން އީ ލާނިން"ގެ ދަށުން އެ ދާއިރާ އާ ގުޅުންހުރި ގާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓާ އިދާރާތަކުން އީ ލާނިން ޑެލިވާ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމަށް ވަކިގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު ޓީޗިން ކޯސް ވާޗުއަލްކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭއިން ނިންމާފައި ވަނިކޮށެވެ.

މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަމުރު ނެރެދިނުމަށް އެދި ހުށަހެޅު ދައުވާގައި ވަނީ:

  • މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްއަކީ ފޭސް ޓު ފޭސް ލާނިން މޮޑަލިޓީ ޓްރެއިނިން ކޯސްތަކުގައި މަންދު ކޮލެޖުން ދަރިވަރުން އެންރޯލްކޮށް ކިޔަވައިދެމުން ގެންދިއުމަށް ހުރަސް ނޭޅުމަށް އެމްކިއުއޭގެ މައްޗަށް އަމުރުކޮށްދިނުމަށް
  • މަންދު ކޮލެޖުގެ އީ ލާނިން މޮޑަލިޓީގައި ހިންގުމަށް މިހާތަނަށް ދީފައިވާ ހުއްދަ މި ވަގުތަށް ބާތިލް ނުކުރުމަށް
  • މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެކަމުގެ ހުއްދަ ދެމުން ގެންދިއުމަށް އެމްކިއުއޭއަށް އަމުރު ނެރެދިނުމަށް

އޮންލައިންކޮށް ކޯސް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދޭނަމަ އަންނަ އަހަރު އަހަރު ޓީޗިން ޓްރެއިނިންއަށް ކުދިން އެންރޯލް ނުކުރެވޭނެ ކަމަށާއި ވާޗުއަލްކޮށް ކުރިއަށް ގެންދާ ޓީޗިން ކޯސްތައް ހުއްޓި އެ ކޮލަޖަށް ގެއްލުން ލިބިގެންދާނެކަން އެ ދައުވާގައި ފާހަގަ ކުރެއެވެ. އެގޮތުން ބަލާއިރު އެ ކޮލެޖުގެ 40 ޕަސެންޓު އަކީ ޓީޗިން ދާއިރާގެ ކޯސްތަށް ކަމަށްވާއިރު ކޮލެޖްގެ އެންރޯލްމެންޓް ދަށްވެ، ފީސިބިލިޓީ ގެއްލި ބާކީ އޮތް 60 ޕަސެންޓު ކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެކަމަށް އެ ދައުވާގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ޓީޗިންގެ ޑިގްރީ އަދި މާސްޓާސް ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނަކީ ސްކޫލްތަކުގައި ކިޔަވައިދޭ މީހުންކަމަށްވާތީ ވާޗުއަލްކޮށް ނުކިޔެވޭނަމަ އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅި ކިޔެވުން ހުއްޓުމަކަށް އަންނާނެ ކަމަށް އެ ދައުވާގައިވެއެވެ. އަދި ވާޗުއަލްކޮށް ކިޔަވައި ދިނުމަށް ހާއްސަ ތަމްރީނުތައް ހޯދާފައި ތިބި އެތައް ބައެއްގެ ވަޒީފާ ވެސް މިކަމުގެ ސަބަބުން ގެއްލިގެން ދާނެ ކަމަށް ވެސް ދައުވާގައިވެއެވެ.

ޓީޗިން ދާއިރާގެ ކޯސްތައް ވާޗުއަލްކޮށް ނުވަތަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭއިން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. ޓީޗިން ކޯހުގެ އިތުރުން ޑޮކްޓަރުކަން އަދި ޑެންޓިސްޓްރީ، ނަރުސްކަން، ގުރުއާން އަދި ގުރުއާނާ ގުޅުންހުރި ކޯސްތައް، ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް، އިންޖިނިއަރިން، އާކިޓެކްޗާގެ ކޯސްތައް ވެސް އޮންލައިންކޮށް ނުހިންގޭނެ ކަމަށް އެމްކިއުއޭއިން ވަނީ ނިންމާފައެވެ.