ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން ދިޔަ 'ވާރު ކާޑު' ދޫކުރުން ހުއްޓާލަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ޓެކުހާ ގުޅޭ މުއާމަލާތުތަކަށް ހާއްސަކޮށްގެން އެ ބޭންކުން ދޫކުރަމުން އައި ވާރުކާޑު 5 މެއި އިން ފެށިގެން ދޫކުރުމާ ބަލައިގަތުން ހުއްޓާލާނެކަމަށެވެ. އަދި ވާރު ކާޑުގެ ބަދަލުގައި ދެން ދޫކުރާނީ ބިޒްނަސް ޑެބިޓްކާޑު ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ވާރު ކާޑަށް ގެނައި ބަދަލާ ގުޅިގެން ބީއެމްއެލް އިން ބުނީ ވާރު ކާޑު މާސްޓާ ބިޒްނަސް ޑެބިޓްކާޑަށް ބަދަލުކުރަން ނިންމާފައިވަނީ އެ ބޭންކްގެ ސްޓްރެޓެޖީގެ ދަށުން ކަމަށެވެ. ވާރު ކާޑުން ކުރިން ކުރެވެނީ ވިޔަފާރިތަކުން ކުރާ ޓެކުހާގުޅޭ މުއާމަލާތްތައް އެކަނިކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މި ގެނައި ބަދަލާއެކު ވިޔަފާރިވެރިންނަށްވެސް ފަސޭހަވެގެން ދާނެކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ މާސްޓާ ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ އެހެނިހެން ކަންކަންވެސް ކުރެވޭނެކަމަށާ މި ކާޑުން ޔޫޓިލިޓީ ބިލުތައްވެސް ދެއްކޭނެއެވެ. މި ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް އޭޓީއެމްއިން 25،000 ރުފިޔާ ނުވަތަ 1600 ޑޮލަރު ނެގޭއިރު ބީއެމްއެލްއިން ބުނީ މި ކާޑަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކާޑެއްކަމަށެވެ.

ބީއެމްއެލް ވާރުކާޑަކީ 2015 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ދެއްކުމަށް ތައާރަފްކުރި ކާޑެކެވެ.