ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހަމައެކަނި ހައިކޯޓަށް ދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީއިން ނިންމާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމުގެ މަތިން ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން އެންގުމުގެ ބާރު ލިބިދޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށެވެ.

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުއެވެ. އެ ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ މަޖިލީހަށް ހުށަހެޅި ބިލެކެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ ގާނޫނުގެ 136 ވަނަ މާއްދާގައިވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހްތިޖާޖުކުަރަމުން ދަނިކޮށެވެ.

މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތު ހާމަކުރަން ނޫސްވެރިޔާގެ މައްޗަށް ހައި ކޯޓަށް އެންގޭނީ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ މައުލޫމާތެއް ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުގައި އާންމު މަސްލަހަތު ބޮޑު ކަމަށް ކޯޓަށް ބުރަވެވޭ ނަމައެވެ.

ހައިކޯޓުން އަމުރު ކުރުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން:

  1. ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން
  2. ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްކަމެއްކަން
  3. ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއްކަމަށް އެ ހާލަތުވާކަން
  4. ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން
  5. ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން
  6. ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާއަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައިނުވާކަން
  7. ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެންނުވާ މައުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން
  8. ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގްސަދުގައި ނޫންކަން

މަސްދަރު ހާމަކުރުމަށް ހުށަހެޅޭ ހުށަހެޅުމަކާ މެދު ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންޖެހޭއިރު ގާނޫނުލް އުގޫބާތުގެ ދަށުން ކުށް ކަމަށް ކަނޑައަޅާފައިވަނީ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި އެ ނޫން ވެސް ރާއްޖޭގެ ސިޔާދަތަކަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދިނުމުގެ އަމަލުތައް އެކުލެވޭ ކުށްކުށުގެ އިތުރުން އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ އެ ނޫން ވެސް އެފަދަ ޖިނާއީ ކުށްތަކެވެ.