މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތަށް، ކަރެކްޝަންސްގެ އިދާރާ ބަދަލުކުރުމާ މެދު މަޝްވަރާކުރެވެމުންދާ ކަމަށް، ކަރެކްޝަންސް އިން މިއަދު ބުނެފިއެވެ. އަދި އަންނަ މަހު ކަރެކްޝަންސްގެ އިދާރާ އަށް އަޑުން ބައެއް ހަމަޖެހޭނެ ކަމަށް، ޕީއެސްއެމުން ބުނެފިއެވެ.

ކަރެކްޝަންސްގެ އިދާރާ މިހާރު ހިންގަނީ ގާޒީ ބިލްޑިންގައެވެ. ނަމަވެސް އެ އިމާރާތް ބާވުމުގެ ސަބަބުން ތަޅާލަން ނިންމައި، އެ އިމާރާތް ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެ އިމާރާތުގައި ހިންގާ ސަރުކާރުގެ އިދާރާތަކަށް އަންގައިފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ޔުސްރީން އަހްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، ކަރެކްޝަންސްގެ އިދާރާ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި، އަދި އެކަން މުޅިން ހަމަނުޖެހޭ ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ތާރީހެއްގައި ކަރެކްޝަންސްގެ އިދާރާ އަޑުގެ އިމާރާތަށް ބަދަލުކުރެވިގެން ދާނެއެވެ. ނަމަވެސް ސީދާ ތާރީހެއް ދަންނަވަން އަދި ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތައް ހިންގަމުން ދިޔަ ގާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ތަން ބަދަލުކުރަން ނިންމާފައި ވަނީ ޕާކިން ޒޯނަކަށެވެ. ސަރުކާރުގެ ބައެއް އިދާރާތަކުގެ 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން ދަނީ ގާޒީ ބިލްޑިންގައެވެ.