މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފިއެވެ.

2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު ގާލް ގައިޑް އެސޯސިއޭޝަނުން ކުރިއަށް ގެންދާ އެ ހަރަކާތަކީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު އީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

ގާލް ގައިޑްސް އެސޯސިއޭޝަނުންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން މެޑަމް ފަޒްނާ ވަނީ މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވާ އީދު ހަދިޔާ ބަދަލުކުރުމުގެ އިތުރުން އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވާފައެވެ. އަދި އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައި ވެސް ފަޒްނާ ބައިވެރިވެވަޑައިގަތެވެ.

ކޮވިޑް-19ގެ ދުވަސްވަރުވެސް އެ ހަރަކާތް މެދުކަނޑާނުލައި ކުރިޔަށް ގެންގޮސްފައިވާއިރު 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ވާޗުއަލް ކޮށެވެ. 2019 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އަމަލީ ގޮތުން މިހަރަކާތުގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންނެވިއިރު ކޮވިޑާއި ގުޅިގެން ވާޗުއަލްކޮށް އެ ހަރަކާތް ކުރިޔަށް ގެންދިޔައިރުވެސް އެކަމަނާ ވަނީ އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓްގެ މެދު ނުކެނޑި ކުރިޔަށް ގެންދާތާ މިއީ 24 ވަނަ އަހަރެވެ. އެ ޕްރޮޖެކްޓަކީ އެއް ދުވަހަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.