އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބޭރު ތެރޭގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.
އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނި ހޫނުމިން
- ހދ. ހަނިމާދޫ: 40.4 ޑިގްރީ ސެލްސިއަސް
- ހުޅުލެ: 39.3 ޑިގްރީ ސެލްސިއަސް
- ލ. ކައްދޫ: 40.4 ޑިގްރީ ސެލްސިއަސް
- ގދ. ކާޑެއްދޫ: 39.6 ޑިގްރީ ސެލްސިއަސް
- ސ. ގަން: 39.8 ޑިގްރީ ސެލްސިއަސް
މެޓް އޮފީހުން ބުނީ، ދުވާލުގެ ވަގުތުތަކުގައި އެންމެ ބޮޑަށް ހޫނުގަދަ ވާނީ މެންދުރު 2 ޖަހާއިރު ކަމަށެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
- ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
- ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
- އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
- ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- އަވިއައިނު އެޅުން
- ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން
ހޫނު ގަދަވާ ވަގުތުތަކުގައި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި މެނުވީ ބޭރަށް ނުދިއުމަކީ މުހިންމު ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.