އުސޫލާ ހިލާފަށް އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށާއި ދައުރު ވަމުން ދަނީ ބަޔަކު ހަދައިގެން އުޅޭ ސައްހަ ލިސްޓެއް ނޫން ކަމަށް އާބަންކޯ އިން ބުނެފިއެވެ.

މިގޮތަށް އާބަންކޯއިން ބުނެފައިވަނީ ހުޅުމާޅޭގައި އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ މިކްސްޑް-ރެސިޑެންޝަލް ޔުނިޓް އާބަންކޯގެ މުވައްޒަފުންނަށް ވިއްކުމަށް މި މަހުގެ 20 ވަނަ ދުވަހު، އެ އިދާރާއިން ކުރި އިއުލާނާ އެކު ފްލެޓް ލިބޭ މީހުން ކަމަށް ބުނާ ލިސްޓެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެ ލިސްޓްގައިވާ ގޮތުން ފްލެޓް ދިނުމަށް ހަމަޖެހިފައި ވަނީ، ބޯޑު މެންބަރުންގެ 10 މީހަކަށާއި 7 ވެރިއެއްގެ އިތުރުން 15 ޑިރެކްޓަރުންނަށެވެ. ނަމަވެސް ބޯޑް ޑިރެކްޓަރުންނަކީ ނޮވެމްބަރު 2023 ގެ ފަހުން އެ މަގާމުގައި ނުތިބޭނެ ސިޔާސީ މަގާމުތަކެއް ކަން ފާހަގަކޮށް އެމީހުން މަގާމުގައި ނުތިބޭ އިރު ފްލެޓް ލިބުމަކީ ކޮރަޕްޝަންގެ އުސޫލުން ކަންކަން ކުރުން ކަމަށް ބުނެ އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެކި ފަރާތްތަކުން ދަނީ އެ މައްސަލަ މިހާރުން މިހާރަށް ބެލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.

އެ ކަމަށް ރައްދު ދެމުން އާބަންކޯ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލާފައިވާ މިކްސްޑް-ރެސިޑެންޝަލްގެ ޔުނިޓް ތަކަކީ އަމިއްލަ ފަރާތްތަކަކުން ހިންގަމުންދާ މަޝްރޫއެއް ކަމަށާޢި އަދި އެއީ އެ މަޝްރޫއުތައް ހިންގުމަށް އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި، އެއްބަސްވުމުގެ މަތިން އާބަންކޯ އަށް ލިބިފައިވާ ޔުނިޓް ތަކެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ސްޓާފް ހައުސިން ސްކީމްގެ ދަށުން އެ ޔުނިޓްތައް ވިއްކުމަށް ފުރުސަތު ހުޅުވާލި ނަމަވެސް ބައެއް މުވައްޒަފުން ޔުނިޓް ދޫކޮށްލާފައިވުމުގެ އިތުރުން އަނެއްބައި މުވައްޒަފުންގެ ޝަރުތު ހަމަނުވާތީ ޖުމްލަ 34 ޔުނިޓް ނުވިކި ބާކީ ހުރި ކަމަށެވެ.

އެހެންކަމުން މުވައްޒަފުންނަށް އިތުރު ފުރުސަތެއް ދިނުމުގެ އިތުރުން އެ ކޯޕަރޭޝަން ހިންގުމަށް ވިޔަފާރި އުސޫލުން ރާވާފައިވާ މަޝްރޫއުތަކަށް ބިމުގެ އަގު ހަމަ ކުރަން ބޭނުން ވުމާއެކު އެ 34 ޔުނިޓް ވިއްކުމަށް އަނެއްކާވެސް އިއުލާން ކޮށްފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި ޔުނިޓް ގަތުމަށް ޝަރުތު ހަމަވާ 800 އަށްވުރެ ގިނަ މުވައްޒަފުން ކުރިމަތިލާފައިވުމާއެކު ޔުނިޓް ލިބޭ ފަރާތްތައް ކަނޑެއެޅުމަށް ވަކި އުސޫލެއް ކަނޑައަޅާ ޕޯޓަލް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އަދި މިހާރު ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް، އަމިއްލަ އަށް ތައްޔާރުކޮށްގެން އުޅޭ ލިސްޓެއް ނަމަވެސް އެކި މީޑިއާ ތަކުން އެ އިދާރާގެ ބަހެއް ނުހޯދާ އެ ހަބަރު ފަތުރަމުންދިއުމާމެދު ކަންބޮޑުވުން ފާޅުކޮށް އެ ކޯޕަރޭޝަނުން ވަނީ ނޫސްވެރިކަން ކުރަމުންދާ މަގްސަދާ މެދު ސުވާލު އުފައްދާފައެެވެ. އަދި އާންމުންނާ ގުޅިފައިވާ މިފަދަ މަސައްކަތްތަކަކީ ވީހާވެސް ހާމަކަން ބޮޑު އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރާނެ ކަން ކަން ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

އަދި އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން އެފަދަ މަސައްކަތްތައް ބަލަމުންދާ ކަމަށާއި އެހެން މުއައްސަސާތަކުންވެސް އެ މައުލޫމާތު ސާފު ކުރަން ބޭނުންވެއްޖެ ނަމަ އެއްބާރުލުން ދޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި އެއްވެސް ފަރާތެއްގެ ހައްގެއް ނިގުޅައި ނުގަންނާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.