ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ބޯޑަށް ސަރުކާރުން އާ ޑިރެކްޓަރަކު ލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާ ޑިރެކްޓަރަކު އައްޔަން ކޮށްފައި ވާއިރު އެއީ މ. ހަނިފަރު މުހައްމަދު ރަޝީދު އެވެ. ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މުހައްމަދު ރަޝީދު އައްޔަން ކޮށްފައި ވާއިރު އެ މަގާމަށް އޭނާ އައްޔަނު ކުރީ ކުރިން ކުންފުނީގެ ބޯޑުގައި ހިމެނޭ ހާލިދު ސުލައިމާންގެ ބަދަލުގައެވެ.

މުހައްމަދު ރަޝީދަކީ ބެޗްލާ އޮފް ލޯ، ޑިޕްލޮމާ އިން އެކައުންޓިންގް އަދި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޑިޕްލޮމާ އިން އެކައުންޓިން ގެ ރޮނގުންވެސް ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އަދާ ކުރެއްވީ ހުޅުމާލެ ސޯމިލްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ.

މީގެ އިތުރުންވެސް މުހައްމަދު ރަޝީދު ވަނީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކަމާއި ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު ކަންވެސް މީގެ ކުރިން ފުރުއްވާފައެވެ.

2004 ވަނަ އަހަރު ވުޖޫދަށް އައި އެޗްޑީއެފްސީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދާފައިވާ ކުންފުންޏެކެވެ. ސަރުކާރުގެ އިތުރުން އިންޑިއާގެ އެޗްޑީއެފްސީ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އަދި ސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަކީ އެ ކުންފުނީގެ ހިއްސާދާރުންނެވެ.