ކޮންމެ ދިވެއްސަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ނަމަވެސް ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ. ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބަލާއިރު، މާލެ ސަރަހައްދަކީ ރާއްޖޭގައި މި މައްސަލަ އެންމެ ބޮޑު ސަރަހައްދެވެ. މުޅި ރާއްޖެއިން ވެސް އެންމެ ގިނަ ބަޔަކު އާބާދުވެ ދިރިއުޅޭ މާލެ ސަރަހައްދުގައި މީހުން ދިރިއުޅެމުން ދަނީ ހަމައަށް ނޭވާ ވެސް ނުލައެވެ. މި މައްސަލައަށް ހައްލު ގެނެސްދިނުމުގެ ގޮތުން މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ބިން ހިއްކާ ބިމުން މާލޭގެ ރަށްވެހިންނަށް ހިލޭ ބަންޑާރަ ގޯތި ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. ނަމަވެސް ދައުރު ނިމުނު އިރު ވެސް ގޯތީގެ މަޝްރޫއު އޮތީ ނުނިމިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު، ނިމިދިޔަ ސަރުކާރުން ފައްޓާ، ނުނިމި ހުރި މަޝްރޫއުތައް ހުއްޓާނުލައްވާނެ ކަމަށާއި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މާލޭގެ އިތުރުން ރަށްރަށުން ވެސް ގޯތި ދޫކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދޫކުރާ ގޯތީގައި ގެދޮރު ބިނާކުރެވޭނެ ފައިނޭންސިން ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގޯތި ބިނާކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަށްޓަކައި ރައްޔިތުންނަށް ދިމާވާނެ މާލީ ހުރަސްތަކަށް ހައްލު ހޯދައި ދިނުމަށް "ހިޔާވަހި ފައިންނޭންސިން ޕްރޮގްރާމް" ވަނީ މި މަހުގެ 5 ވަނަ ދުވަހު އިފްތިތާހް ކޮށްފައެވެ. މިއާއެކު މިއަދަކީ ގެދޮރު ބިނާކުރުމަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އެތައް އާއިލާތަކަކަށް އުންމީދީ ދުވަހެކެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އެންމެ ބޮޑަށް އިސްކަން ދީގެން މަސައްކަތް ކުރަމުން އަންނަ މި ސަރުކާރުން އިފްތިތާހް ކުރި "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން ތިން ސްކީމެއް އިފްތިތާހް ކޮށްފައިވާ އިރު، އޮންލައިންކޮށް މި ސްކީމްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު މި ވަނީ ހުޅުވާލާފައެވެ. މިއީ ރާއްޖޭގެ ރަށްރަށާއި، އާބަން ސެންޓަރުތަކާއި މާލެ ސަރަހައްދުގައި އަލަށް ގެދޮރު ބިނާ ކުރުމަށް ދޫކުރާ ލޯން ސްކީމްތަކެކެވެ. މި ސްކީމްތައް ދޫކުރަނީ އަލަށް ގެދޮރު ބިނާ ކުރުމަށް ފައިސާގެ އެހީ ބޭނުންވާ ފަރާތްތަކަށް ކަމަށް ވާއިރު، މި ހުރިހާ ސްކީމަކަށް ވެސް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު އެންމެ ގިނަވެގެން 25 އަހަރަށް ބަހާލައިގެން ދެއްކޭނެއެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތައް:

  1. ރަށްވެހި ހިޔާވެހި ސްކީމް (ރަށްރަށަށް): އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާގެ ލޯން
  2. ސަހަރު ހިޔާވެހި ސްކީމް (އާބަން ސެންޓަރުތަކަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 3 މިލިއަން ރުފިޔާގެ ލޯން
  3. ފަހިމާލެ ހިޔާވެހި ސްކީމް (މާލެ ސަރަހައްދަށް): 5-10 ޕަސެންޓް އިކުއިޓީ ބަހައްޓާފަ، 6 މިލިއަން ރުފިޔާގެ ލޯން

މި ޕްރޮގްރާމްގެ ތެރެއިން ފަހިމާލެ ހިޔާވެހި ސްކީމްގެ ދަށުން 5 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭ ގޮތަށް 6 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. މި ސްކީމަށް ހުށަހަޅާ އިރު، އެއް ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަަހަޅޭނެއެވެ. އަދި އެގޮތަށް ހުށަހަޅާ ލޯނަކަށް އިތުރު ކުރާ ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ސްކީމްތަކަށް ހުށަހަޅާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ލޯނުތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބޭ އިރު، ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އަލަށް އަޅާ ގެތައް ބިނާ ކުރުމަށް އެކަންޏެވެ. އަދި އިމާރާތް ކުރަން ފަށާފައި ހުންނަ ގެތައް ނިންމުމަށާއި އަލަށް ގެ އެޅުމަށް ވެސް އިތުރު ލޯނެއް ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްއަކީ ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްއަށް އަންނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ކުރިއަށް އޮތް 4 އަހަރުގެ ބަޖެޓުގައި ވެސް މި ޕްރޮގްރާމްއަށް 1 ބިލިއަން ހިމަނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ހުޅުވާލެވޭ މުހިންމު ދޮރާށްޓެކެވެ. އަދި މި ޕްރޮގްރާމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތި ހާލުގައި އުޅޭ އެތައް އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ހޯދުމަށް މަގުފަހިވެގެން ދާނެއެވެ. މިއީ ބިން ލިބުނު ކަމުގައި ވިޔަސް އެބިމުގައި ގެދޮރު ބިނާ ކުރުމުގެ ތަނަވަސްކަމެއް ނެތް އެތައް އާއިލާއެއްގެ މާޔޫސްކަމަށް ލިބޭ ހައްލެއް ކަން ޔަގީނެވެ. މިއީ އެތައް އާއިލާއެއްގެ ހުވަފެންތައް ބިނާ ކުރުމަށް މި ސަރުކާރުން ދިއްލާލަ ދިން ހުޅުކޮޅެކެވެ.