ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯން ސްކީމެއް ތައާރަފު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ފަށާ "ހިޔާވަހި ފައިނޭންސް ސްކީމް" ކުރިއަށް ގެންދިޔުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީއެފްސީ އާ ދެމެދު ފައުހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިރޭ ރޭޑިއޯ ބިލްޑިންގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމައިގައި ސޮއިކޮށްފައި ވާ އިރު މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކުޑަ އިންޓެރެސްޓެއްގައި ގެދޮރުވެރިކަމަށް ލޯނު ދޫކުރާނެ ފުރަތަމަ ސްކީމެވެ.
މީގެ ކުރިން އެޗްޑީއެފްސީ މެދުވެރިވެގެން އަދި އެޗްޑީއެފްސީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައި ހުރި ބޯހިޔާވަހިކަމުގެ ލޯނުތައް ހުރީ 12 ޕަސެންޓް އިންޓަރެސްޓް ރޭޓުގައެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައި ހުރި ބައެއް ހައުސިން ލޯނުތައް 9 ޕަސެންޓް އިންޓަރެސްޓުގައި ދޫކޮށްފައި ވެއެވެ.
ލޯންޗް ކުރަން އެއްބަސްވި ހިޔާ ފައިނޭންސް ސްކީމުގެ ދަށުން ރާއްޖެގެ ހުރިހާ ސަރަހައްދެއްގައި ބޯހިޔާވަހިކަމަށް އެޗްޑީއެފްސީ މެދުވެރިވެގެން މި ސްކީމުގެ ދަށުން ދޫކުރާ ލޯނު 5 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލިބޭނެއެވެ.
މިރޭ ހައުސިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ, މި ސްކީމުގެ ދަށުން އަތޮޅުތެރޭގެ ރަށްތަކަށް ހާއްސަ ކުރާ ސްކީމުން އެންމެ މަތީ އަދަދަކަށް ދޫކުރާނީ 1 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. އަދި މާލެ ސަހަރައްދަށް ހާއްސަ ސްކީމުން 3 މިލިއަނާ ހަމައަށް ލޯނު ދޫކުރާނެ ކަމަށް ބުނެފައި ވެއެވެ.
ހައުސިން މަޝްރޫއުތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ވާހަކަ އަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައި ވަނީ, ރާއްޖޭގެ އެތަން މިތާނގައި ގެދޮރު ހަދަން ފަށާ, މާލީ ދަތިތަކާ ހުރެ ނުހެދި ހުރި އެތައް ގެއެއް ހުރި ކަމަށާއި ގޯއްޗެއް އޮތަސް ގެ އަޅާނެ ތަނަވަސްކަން ނެތިގެންވެސް ނުވެފައި ހުރި ކަމަށެވެ. އެހެން ކަމުން އެކަމަށް ހައްލެއް ގެނެސްދެއްވައި ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ކެންޑިޑޭޓުންގެ ކެމްޕެއިން އިވެންޓްތަކުގައި ވެސް ރައީސް ވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވާ ލަސްނުކޮށް އެ ލޯން ސްކީމް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހައުސިން ލޯނުތަކަކީ ރާއްޖޭގައި އިންޓަރެސްޓް ބޮޑު ލޯނުތަކަކަށް ވާއިރު, ލޯނުގެ ޕްރިންސިޕަލް އެމައުންޓް [އަދަދު] އަށް ވުރެ އިންޓަރެސްޓަށް ދައްކަން ޖެހޭ އަދަދު މަތިވެ ލޯނު ނަގާ މެޖޯރިޓީ ފަރާތްތަކުން މުޅި އުމުރު ހޭދަ ކުރަނީ ލޯނު ދެއްކުމުގައެވެ.