ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ މާލެ ޖުމްހޫރީ މައިދާނުގެ ބާއްބާ ހަރަކާތްތަކާއެކު ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިއަދުގެ ހަވީރު 4 ގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޝަރަފްގެ ހިނގާލުމަށް ފަހު، މިރޭ އާންމުކޮށް ހުޅުވާލައިގެން ޖުމްހޫރީ މައިދާނުގައި ސިފައިންގެ ހަރަކާތްތަކެއް ބާއްވާނެއެވެ. ސިފައިންގެ އެކިއެކި ޑިސްޕްލޭ (ހަރަކާތްތައް) ދައްކާލުމަށް މިރޭ ބާއްވާ އިވެންޓްގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތައްވެސް އޮންނާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހަވާ އެރުވާނީ މިރޭ 8:20 ހާއިރު ކަމަށް ވެސް ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ނުވަތަ ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6 ޖެހި އިރު ވަނީ ބާއްވާފައެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ހާއްސާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ 131 ވަނަ އަހަރީ ދުވަހު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރު، "ސިފައިންގެ ބަދަހިކަން - ގައުމުގެ ހަމަޖެހުން" މާރިޔާ ވަނީ އިއުލާން ކޮށްދެއްވާފައެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 33 ވަނަ ޢަދަދު ވެސް ވަނީ ނެރެއްދެއްވާފައެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރި ވިއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައި ވަނީ އޭޕްރީލް 21، 1892 ގައެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.