މޭ 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލައާ ގުޅިގެން، އެމަނިކުފާނަށް މިހާރު ދެމުން އަންނަ ސެކިއުރިޓީގެ ހަރަދުތައް ބޮޑުކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ދެއްކެވި ވާހަކަތަކާ ގުޅިގެން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މައްސަލަ ހުށަހަޅުއްވާފައި ވަނިކޮށް، ރޮޒައިނާ ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ރޮޒައިނާ ވިދާޅުވީ، އޭނާ އަކީ އެއްވެސް މީހަކަށް އަނިޔާ އެއް ދިނުމަށް މަސައްކަތްކޮށް، އެފަދަ ކަމެއް ކުރަން ރޭވި ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ނަޝީދަށް މޭ 6 ގައި ދިން ހަމަލައަކީ މިއަދު ވެސް، އެ ދުވަހު ވެސް އޭނާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި، އަބަދު ވެސް އަނިޔާވެރިކަމާ ދެކޮޅަށް އޭނާ އަޑުއުފުލަމުން ގެންދަވާ ކަމަށެވެ.

އިމްތިޔާޒްގެ ތުހުމަތުތަކަށް އިޝާރާތްކުރައްވައި ރޮޒައިނާ ވިދާޅުވި ގޮތުގައި، ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭނެ ކަމަކަށް ވެސް، ދިނުން ހުއްޓާލުމަށް ވެސް، ނުވަތަ ދޭ ގޮތަށް ބަދަލެއް ގެނައުމަށް ވެސް އޭނާ ވަކާލާތުކުރައްވައިފައެއް ނޯންނާނެއެވެ. ނަޝީދާއި އޭނާ އާ ދެމެދު ސިޔާސީ ގޮތުން އެއްބަސްނުވެވޭ ގިނަ ކަންކަން އެބަހުރި ކަމަށާއި، އެފަދަ ކަންކަމަށް ސިޔާސީ ގޮތުން ފާޑުވިދާޅުވި ނަމަވެސް، އޭގެ މާނައަކީ ޖިސްމާނީ ގޮތުން އެމަނިކުފާނަށް ގެއްލުމެއް ދޭން ބޭނުންވުމެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ސިފަކުރެއްވީ، އިމްތިޔާޒްގެ އަމަލަކީ އޭނާ ސިޔާސީ ގޮތުން ފަހަތަށް ޖައްސުވައި، ފިނޑި އަދި ނާތަހުޒީބު އަމަލެއްގެ ގޮތުގައެވެ.

"އެހެނީ އެއްވެސް ހެއްކަކާ ނުލާ އަޅުގަނޑުގެ ބޮލުގަ ރައީސް ނަޝީދު މަރާލަން ރާވާކަމުގެ އިލްޒާމު އެޅުވުމުން، އެ ބޭފުޅާ އަޅުގަނޑު އެ ހުށަހެޅީ އަޅުގަނޑަށް ބަޔަކު ޖިސްމާނީ ހަމަލައެއް ދީފާނޭ ހާލަތަކަށެވެ،" ރޮޒައިނާގެ ސިޓީގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމަށް އޭނާ އަށް ތުހުމަތުކުރުމުން، ނަޝީދަށް ތާއީދުކުރާ އެތައް ބަޔަކު އޭނާ އަށް ހަމަލައެއް ދިނުން އެކަށީގެންވާ ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ ކަންކަން ހިނގާފައި އެބަހުރި ކަމަށާއި، އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވެސް ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތަކާ ކުރިމަތިލައްވަން ޖެހުނު ކަމަށް، ރޮޒައިނާ ވިދާޅުވިއެވެ.

އެހެންކަމުން، ފުލުހުން އެ މައްސަލަ ބަލައި، ޖިނާއީ ކުށެއްވާ ނަމަ، އިމްތިޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް، ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.