މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

މިރޭ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށާއި އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް 1444ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެން މަތީގައި ހުންނާނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވުމުގެ އިތުރުން އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާކަން ރަސްމީކޮށް އެނގިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސައުދީއިން ވެސް މާދަމާއަކީ އީދު ދުވަސްކަން އިއުލާނު ކޮށްފައި ވާއިރު މެލޭޝިއާ، ސިންގަޕޫރު، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާ އިން އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ.

މި އަހަރުގެ ފިތުރު އީދު ނަމާދު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ތިން ތަނެއްގައި ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައި ވާއިރު، އެއީ މާލެއިން މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެއެވެ.