1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ދެ އީދު ކަމުގައިވާ ފިތުރު އީދާއި އަޟްހާ އީދު މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އެ މިނިސްޓްރީގެ ހާއްސަ ކޮމިޓީއަކުން މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން އުފާވެރި މާހައުލެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމެވެ.
މި ޕްލޭންގެ ދަށުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ މަޝްވަރާކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ސިޓީތަކުގައި އީދު ފާހަގަކުރުމަށްޓަކައި ގިނަ ބަޔަކު ބައިވެރިވާ ފަދަ މުހިންމު އިވެންޓްތަކެއް ހިމެނުމަށް ވެސް ވަނީ ރޭވިފައެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މި ޕްލޭން ތަންފީޒުކުރުމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. މީގެ ސަބަބުން އިސްލާމީ އުސޫލުތަކާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ކޮންމެ އަހަރެއްގެ ވެސް އީދާ ދިމާކޮށް އެކި ރަށްރަށުގައި ކުޅިވަރުތައް ކުޅެމުންދާ ތަފާތު ގޮތްގޮތާ މެދު ހިޔާލު ތަފާތުވެ ފާޑު ކިޔުންތައް އަމާޒު ކުރަމުންދެއެވެ. އަދި ދިވެހި ސަގާފަތާއި ދީނާ ދުރު އެކި ކުިވަރުތައް ކުޅޭ ކަމަށް ބުނެ ގިނަ އާންމުން ވެސް ފާޑު ކިޔުންތައް އަމާޒު ކުރަމުންދެއެވެ.
