މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި، އިތުރު ކެންޑިޑޭޓަކާ މެދު ވިސްނަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޔާމީންގެ ކެންޑިޑަސީ ދިފާއުކޮށް، އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ، ޔާމީންގެ ކެންޑިޑަސީ އާ ދެކޮޅަށް މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަދި ޕީޕީއެމްގެ ކުރީގެ މެންބަރު އާދަމް ރަމީޒް ވާހަކަތައް ދައްކަވާ ކަމަށް ވިދާޅުވެ، ޔާމީންގެ އެންގެވުމަކަށް އޭނާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

އެ މައްސަލައިގައި ގޮތެއް ނުނިމި އޮއްވާ، ރަމީޒް ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަދި ޔާމީންގެ ކެންޑިޑަސީ އާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށް، ސުލޫކީ ކޮމިޓީގައި އޭނާ އިންކާރު ކުރައްވާފައި ވެސް ވެއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯލިޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޯލިޝަންގެ ކަންކަން ހިނގަނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި، ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން، ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން އަބްދުއްރަހީމް ވަނީ ތަކުރާރުކުރައްވައިފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ޔާމީނަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް އެ ކޯލިޝަންގެ ސެނެޓުން ނިންމި ނިންމުމާ އެކު، އިތުރު ކެންޑިޑޭޓަކާ މެދު ވިސްނަން ޖެހޭ ފުރުސަތެއް ނެތެވެ.

"އެހެންކަމަށް ވަންޏާ އަޅުގަނޑުމެން އިތުރު ކެންޑިޑޭޓަކާ ދޭތެރޭ ވިސްނަން ޖެހޭ ހާލަތެއް ނެތް، އެ ނޫންތޯ ޑިމޮކްރަސީގެ ހަމަތަކަކީ؟ އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން މިވަގުތު ޕީޕީއެމް-ޕީއެންސީ ތެރޭގަ އެއްވެސް ބޭފުޅަކު ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ހާލަތެއް އޮތް ކަމަކަށް،"

"ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން މި އޮތީ ޓިކެޓު ހަވާލުކޮށްފަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ހާލަތެއް ނެތް ނަމަ، ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު އިދިކޮޅުން ނެރޭނެ ކަމުގެ ނުސީދާ އިޝާރާތެއް އަބްދުއްރަހީމް ވަނީ ދެއްވައިފައެވެ.

"އެ ހާލަތު ނެތިއްޖިއްޔާ އަނެއްކާ އެ އުސޫލުގެ މަތިން ދާނެ އެހެން ގޮތަކަށް،"

އެކަމަކު އަބްދުއްރަހީމް އަދިވެސް ގެންދަވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް އަވަސް އަރުވާލައިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އަންނަ ހަފްތާ އިން ފެށިގެން އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ ކަމަށެވެ. އެކަން ކުރަނީ އެ މައްސަލައާ ގުޅޭ ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވެން އޮއްވާ ކަމަށާއި، އެކަމުގެ ސަބަބުން އިންސާފު ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ މިވަގުތު ގެއްލިފައެވެ.