މި ދެން އެއްޗެހި ކިޔަނީކީ ނޫނެވެ. އެހެނަސް ކަންކަން ހިނގާ މަގު ނުބަލައި ސަރުކާރުން ކުރާ ބައެއް ކަންކަމުގެ ސަބަބުން އާންމުނަށް ދިމާވާ ތަކުލީފާހެދި އެވާހަކަ ދައްކަނީއެވެ.

ކޮންމެ ސަރުކާރެއް އޮތަސް އާންމު މަސްލަހަތާ ގުޅުން ހުންނަ ގޮތަށް ކުރާ ކަންކަން ވަށާޖެހޭތޯ ބަލަން ޖެހޭނެއެވެ. ދުނިޔޭގެ ތަންތާނގައި ތަފާތު ކުނި އެޅުމަށް ތަފާތު ޑަސްބިން، ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކޮށް، ކުނި މެނޭޖް ކުރުމުގައި އިންތިޒާމްތަކެއް ހުރެގެން އަމުދުން ތަންފީޒު ކުރެވޭ ގަވައިދުތަކެއް އޮވެގެން ކަން ކުރާތީ މިތާނގައި ކުރަން އުޅޭ އިރު، އެތަންތާނގައި އެކަން ކުރާ ގޮތް ބަލާލާނަމަ ވެސް މިހާރު މި އަރައިގެން އުޅޭ "ވޭންވަރެއް" ނާރާނެއެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު 18 ގައި ކުނިމެނޭޖް ކުރާ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އެ ގާނޫނުގައި އޮންނަން ޖެހޭ، އެހެނަސް "އިއްޒަތްތެރި" މަޖިލީހުން އުނިކުރި މާއްދާއެއް ނެތިއެވެ. އެ މާއްދާއަކީ މިއަދު ކޮތަޅުގެ އަގު ބޮޑުވެގެން މި އޮތް ހޫނުގަނޑު ކުޑަކޮށް މަޑުވީސް މާއްދާއެކެވެ. އެއީ ޕްލާސްޓިކް ކޮތަޅުން ފީނެގުން އިސްތިސްނާ ކުރި ހާލަތުގައި ހިމެނި 50 ކޮތަޅު ބޮނޑި ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑީގެ ވާހަކަ ބަޔާން ކުރާ މާއްދާއެވެ.

ބަޔަކު މީހުން ބާޒާރުކޮށްގެން ދަނީ

ނަމަވެސް މަޖިލީހުން ވިޔަފާރިވެރިންނަށް ދިން "ކޭމެއްގެ ގޮތަށް" އެ މާއްދާ އުވާލައި ކުންޏަސް ބުންޏަސް ކޮތަޅު ވިއްޔާ 2 ރުފިޔާ ނަގާ ގޮތަށް ހެދީއެވެ. އެއާއެކު ވިޔަފާރިވެރިންނަށް އީދު އައިސް، ކޮތަޅަކުން 2 ރުފިޔާ ބޮޑުކުރަން ބުނީމައި، ހިތު ހުރި ގޮތަކަށް ބޮޑު ކުރީއެވެ. ބައެއް ފިހާރަތަކުން ގާނޫނާ އެއްގޮތަށް 2 ރުފިޔާ ނެގި ނަމަވެސް ބައެއް ފިހާރަތަކުން ކޮތަޅަކަށް 5 ރުފިޔާ އެބަ ނަމައެވެ.

އާންމުކޮށް ކުދި ބާޒާރު ކުރާ ނޫ ކޮތަޅަށް 2 ރުފިޔާ ޗާޖް ކުރި ނަމަވެސް ރަތް ކޮތަޅަށް 5 ރުފިޔާ އަތުލައެވެ. އެހެން ވީމައި 1.75 ރުފިޔާއަށް ދޭ ބިހެއް މިހާރު ޖެހޭ އަގަކީ ނޫ ކޮތަޅު ލައިގެން 3.75 ރުފިޔާއެވެ. އޭގެ މައްޗަށް އަދި ޖީއެސްޓީ އެބައޮތެވެ.

ކޮތަޅާ ގުޅިފައި އޮތީ ހަމައެކަނި ބާޒާރު ކުރުމެއް ނޫން

ދެން ބިހެއްގެ ވާހަކަ ބުނީމައި، ކޮތަޅާ ގުޅިފައި އޮތީ ހަމައެކަނި ބާޒާރު ކުރުން ކަމަށް ހީވެދާނެއެވެ. ނަމަވެސް މި ގައުމުގައި ދިވެހިންނެކޭ ދާދި އެއް އަދަކަށް ދިރިއުޅޭ ބިދޭސީންގެ ކާތަކެތި އުފުލާން ބޮޑެތި ބައިސްކަލުތައް ފުރާ އެލުވައިގެން (ކޮތަޅު) މަގުތަކުގައި އެ ދުއްވާ މީހުން ފެނޭހެއްޔެވެ. ގާތްގަނޑަކަށް 140،000 ބިދޭސީން އުޅޭއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހޮޓާތަކަށް ގޮސް ކާ ކަމަށް ބަލައި އެބައި ކަނޑާލިޔަސް ކޮންމެ މީހެއްގެ 3 އިރު ކެއުމަށް އެ އުފުލާ، ބަތްކޮޅާއި، ގްރޭވީ ކޮޅާއި، މަސާލައާއި އެހެން ގޮސް ޒާތްޒާތުގެ އެއްޗެހި އަޅާފައި ހުންނަ ކޮތަޅު، ބޮލަކަށް އަގުމަގު ކުރީމައި 3 އިރަށް މީހަކަށް 20 ކޮތަޅު ޖެހެއެވެ. 70،000 މީހުންގެ 3 އިރު ކެއުމަށް 1.4 މިލިއަން ކޮތަޅު ޖެހޭނެއެވެ. އެއީ ބޮލަކަށް ދުވާލަކަށް 40 ރުފިޔާ އިތުރު ވުމެކެވެ.

ދެން މިކަމުގައި ވާ ގޮތް ސަރުކާރަށް ނޭނގެނީތޯ ނުވަތަ އެނގިތިބެ ގަސްދުގައި ކުރަނީތޯ ސާފުކުރަން ޖެހެއެވެ.

ޖޫމްހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް

ބިދޭސީންގެ ކެއުމަށް ބޮލަކަށް ދުވާލަކު 40 ރުފިޔާ އިތުރު އެވަނީ އެ ބިދޭސީން ގެންގުޅޭ ދިވެހި މީހާއަށެވެ. އެ ދިވެހި މީހާވެސް އަމިއްލަ ބާޒާރު ކުރުމާއި، ސްކޫލު މަދަރުސާތަކާއި ތަންތަނަށް ބޭނުންވާ ބައެއް ތަކެތި ގަތުމާއި އޭނާގެ ގޭގެ ކުނި އުކާލުންވެސް އަދި އޮންނާނެތާއެވެ.

ކުނި އުކާންވެސް މިހާރު 3 ކޮތަޅު ބޭނުންވާ އިރު، ކުނީގެ ގާނޫނުން ކުނި ކޮތަޅު އިސްތިސްނާ ކުރާ ވާހަކަ ދެއްކިޔަސް، ވިޔަފާރިވެރިންނަށް "ކުނި ކޮތަޅެއް ނޭނގެ" އެވެ. އެއީ އެމީހުން ދަންނަ އެއްޗެއް ނޫނެވެ. ދެން ކުނި އުކަން ކުންޏާ ބެހޭ އިދާރާ ވޭމްކޯއިން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަ ވާހަކަ ދައްކާ އެކަން ނުވެ އެކަންވެސް ވީ ޖަމަލު ފޮޑިއަށެވެ. "ސްޓާޗް ކޮތަޅު" ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަ ވާހަކަ ވޭމްކޯއިން ދެއްކީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަހަރެން ވެ އަނެއްކާ މެއިމަހެއް އަންނަ އިރުވެސް ކަން ނުވީމައި އެ ތަކުލީފް ރައްޔިތުން އުފުލަން ޖެހޭ ގޮތަށް އޮތުމަކީ ދެވޭ އަނިޔާއެކެވެ.

ތިމާވެށި ވަޒީރު

ޕްލާސްޓިކާ ހެދި މުޅި ދުނިޔެވެސް ވިހަ ވާ ވާހަކަ ދައްކާއިރު އެކަން ދިވެހިންނަށްވެސް އެނގެއެވެ. ދިވެހިންވެސް ބޭނުން ވަނީ ސާފު ވަޔާއި ސާފު ބޯފެނާއި ކެމިކަލް ނުޖަހާ ހައްދާ ތާޒާ މޭވާ އާއި ފަލްޕިލާވެލި ކައިގެން އުޅޭށެވެ. އަދި ޕްލާސްޓިކާ ދުރުވެ ދުޅަހެޔޮކޮށް އުޅޭށެވެ. އެކަން މުޖުތަމައުން ފެންނަން ހުރުމަކީ ދަލީލު ކޮށްދޭ ކަމެކެވެ. ކެފޭ ރެސްޓޯރަންޓްތަކުގައިވެ ސް މިހާރު ބިއްލޫރި ފުޅި ބޭނުން ކުރަމުން ދާ އިރު، ސްކޫލު މަދަރުސާތަކަށް ޕްލާސްޓިކް ކޮތަޅު ނުވެއްދޭ ނޫންހެއްޔެވެ. ހެޔޮ ބަދަލު އަންނަނީ ހެޔޮކޮށް ކަންކަން ކުރީމައި ކަން އެންމެނަށްވެސް އެނގޭއިރު، ހެޔޮކޮށް ކަން ކުރާނެ މަގު ނުދައްކާ، ބަދަލުތައް ގެންނަނީ ކީއްވެހެއްޔެވެ.

ކުންޏާ ބެހޭ ގާނޫނުން މަތީގައި ބުނި މާއްދާ އުވާލުމުންވެސް ބިލް ތަސްދީގު ކޮށް، އިސްލާހެއް ގެންނަން ނޫޅެ 4 މަސް ދުއްވާލައި ހުސްވި މާޗް މަހުގެ 27 އާ ހަމައަށް ތިބީ ކީއްވެހެއްޔެވެ. ދެން މިހާރު ރައްޔިތުން ހޯބޯ ލަވަން ފެށީމައި، މަޖިލީހުގެ ބޮލަށް ކަނޑާލުމަކުން ދެކޮޅެއް ނުޖެއްސޭނެއެވެ. މަޖިލީސް އެދަނީ ޗުއްޓީއަށެވެ. އަންނަ ހަފްތާގައި 15 ދުވަހުގެ ޗުއްޓީއަކަށް ދާއިރު އެ ބުނާ އިސްލާހެއްގެ އިބްތިދާއީ ބަހުސް ވެސް އަދި ނުފަށައެވެ. އެހެން ކަމުން އަތުޖެހޭ ހިސާބަށް ކޮތަޅެއްގެ އަގު ތިރިވާނީ އަންނަ ރިޔާސީ އިންތިހާބާ ހަމައިން ހެންވެސް އެބަ ހީވެއެވެ.