ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރި އަށް ކުޑަކުރަން ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް ގައި ވާހަކަ ދެއްކަވަމުން ސަލީމް ވަނީ ތިން ހައްލެއް ވިދާޅުވެފައެވެ. އެގޮތުން ސަލީމް ހުށަހެޅުއްވި ފުރަތަމަ ހައްލަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ދެވަނަ ހައްލަކަށް ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށްވެސް ސަލީމް ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުންވެސް ޕްލާސްޓިކް ކޮތަޅުން ނަގާ ފީ 50 ލާރިއަށް ބަދަލު ކުރުމަށް އޭނާ ހުށަހަޅުއްވާފައި ވެއެވެ.
"ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު،" ސަލީމް ވިދާޅުވި އެވެ. އަދި އެ ފީ ކުޑަ ކުރިޔަސް އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ކަނޑައެޅިދާނެ ކަމަށް ސަލީމް ލަފާދެއްވާފައި ވެއެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީ އެއް ދައްކަންޖެހެއެވެ. އިސްލާހުކުރަން މިދިޔަ މެއި މަހު ހުށަހެޅި ނަމަވެސް މަޖިލީހުގެ މަސައްކަތް ހުއްޓުމުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފެށީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. މިފަދައިން ކޮތަޅުން ފީ ނަގަން ފަށާފައިވާއިރު ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ކޮތަޅަށް ވެސް މި ފީ ނަގާނެއެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގައެވެ.