ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީއަށް ލުއިދިނުމަށް ހިމަނައި، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި އިސްލާހުގައި، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ހިމަނާފައިވެއެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމާއި، ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. އެގޮތުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމާއި، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދުން މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައި ހިމަނާފައިވާ އިތުރު މުހިންމު ކަންކަމުގެ ތެރޭގައި:

  • އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތުތައް އެކުލަވާލުން.
  • ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ގައުމީ މާސްޓަރ ޕްލޭނާއި، ސިޓީތަކުގެ ކުނި މެނޭޖްކުރުމުގެ ޕްލޭންތަކާ އެއްގޮތްކުރުން.
  • ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމާއި، މިންގަނޑުތައް ކަނޑައެޅުން.
  • ކުނި މެނޭޖްކުރާ މަރުކަޒުތަކާއި އެތަންތަނުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރުން، ހިމެނެއެވެ.

ރާއްޖޭގައި ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ 18 އޭޕްރީލް 2023 ގައެވެ. މިއީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ފެށި ކަމެކެވެ. މި ގާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ނެގުން ވަނީ ލާޒިމުކޮށްފައެވެ.

މި ފީއަށް ލުއި ހޯދުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން އޮކްޓޯބަރު 2023 ގައި، ކުރީގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ކޮތަޅުން ނަގާ ޓެކްސް 50 ލާރިއަށް ކުޑަކުރުމަށް ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވެއެވެ. އޭނާ ހުށަހެޅުއްވި ހައްލުތަކުގެ ތެރޭގައި ރޯމަސް އުފުލުމާއި ކުނި އުކާލުން ފަދަ ކަންކަމަށް ގަނޑުކޮށް ގަންނަ ކޮތަޅު ފީއިން އިސްތިސްނާކުރުން ހިމެނެއެވެ.