ޕްރީއޯޑާ ކޮށްގެން ގޭގެއަށް ބިންލައިނާ ޑެލިވާ ކުރުމުގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ، ޕްރީއޯޑާ އަށް ޑެލިވާ ކޮށްދިނުމުގެ ހިދުމަތް މެދު ކަނޑާލަން ނިންމާފައި ވަނީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް އަމިއްލަ ވިޔަފާރިތަކުން ވެމްކޯގެ ކޮތަޅު ވިއްކުމުގެ ފުރުސަތު ހުޅުވާލާ، މާލޭގެ 7 ފިހާރައާއި ހުޅުމާލޭގެ އެއް ފިހާރައިގެ އިތުރުން ވިލިމާލޭގެ އެއްފިހާރައިން ކޮތަޅު ގަތުމުގެ ފުރުސަތު ވެމްކޯއިން ވަނީ ފަހި ކޮށްދީފައެވެ.

މީގެ އިތުރުން ވެމްކޯގެ ފްރޮންޓް އޮފީސްތަކުން ވެސް ބިން ލައިނާ ގަންނަން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. ވެމްކޯއިން ގަންނަން ލިބެނީ ދެ ވައްތަރެއްގެ ބިން ލައިނާއެވެ. އެއީ ފެހި ކުލައާއި ކަޅު ކުލައިގެ ބިންލައިނާ އެވެ. އެގޮތުން ލާޖު ސައިޒުގެ ބިން ލައިނާ އެެއް އެ ކުންފުނިން ވިއްކަމުން ދަނީ 35 ރުފިޔާއަށް 100 ބިން ލައިނާއެވެ. އަދި ޑަބަލް އެކްސް ލާޖު ސައިޒުގެ 100 ބިންލައިނާ 165 ރުފިޔާއަށް ވިއްކާއިރު ޓްރިޕަލް އެކްސް ލާޖު ސައިޒުގެ 50 ބިންލައިނާ ވިއްކާނީ 165 ރުފިޔާއަށެވެ.

ބިން ލައިނާ ޑެލިވާ ކުރަން ހުސްވި އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފެށި ނަމަވެސް ޑެލިވަރީގެ ހިދުމަތް ހުއްޓާލަން ނިންމި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބިން ލައިނާ ވިއްކުން ހުއްޓާލަން ވެމްކޯއިން ނިންމާފައިމިވަނީ އެ ހިދުމަތާ މެދު ކަސްޓަމަރުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ބިން ލައިނާ ޕްރީ އޯޑަރަށް ޑެލިވާ ކޮށްދޭން ފެށިއިރު، ޕްރީއޯޑަރަށް މަދުވެގެން 24 ބޮނޑި އޯޑަރު ކުރަން ޖެހުމާ ގުޅިގެންނެވެ.

އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ނިންމި ނަމަވެސް "ބިންލައިނާ"އިން ދެ ރުފިޔާގެ ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެގޮތުން އެ ކޮތަޅުތައް ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވެމްކޯއިން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.