ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އާންމުންނާއި ވިޔަފާރިވެރިންނަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ކޮތަޅު ބޮނޑިތަކުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި މި ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން، ކޮތަޅު ވިއްކުމުގެ ވިޔަފާރީގެ ތެރޭގައި ތަކުރާރުކޮށް ދެ ރުފިޔާގެ ފީ ނަގަމުން އައި އައުމަށް ނިމުމެއް އަންނާނެ އެވެ. ކުރިން ގާނޫނު އޮތް ގޮތުން ހޯލްސޭލްކޮށް ކޮތަޅު ގަންނައިރު އަދި ރީޓެއިލް ފިހާރަތަކުން ކަސްޓަމަރުންނަށް މުދާ ދޫކުރާއިރު ވެސް ފީ ދައްކަން ޖެހުމުން ބޮޑެތި ޝަކުވާތަކެއް ވަނީ އުފެދިފަ އެވެ.
މި އިސްލާހުގެ ދަށުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި:
- ޖީއެސްޓީ ނުނަގާ ތަންތަން ބެލެހެއްޓުން: ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ވިޔަފާރިތަކުން ވެސް ކޮތަޅަށް ފީ ނަގާކަން ކަށަވަރުކޮށް، އެ ފައިސާއާ މެދު އަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމުގެ ޒިންމާ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ވަނީ ހަވާލުކޮށްފަ އެވެ.
- ބޭރުން ކުނި އެތެރެކުރުން މަނާވުން: ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، ޚާއްސަ ހުއްދައެއް ނެތި ނުރައްކާތެރި ކުނި ގެންގުޅުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.
- އިދާރާތަކުގެ ބާރުތައް ވަރުގަދަކުރުން: ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުނި އުކާލާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިބިގެންދާއިރު، ރަށްރަށާއި ސިނާއީ ސަރަހައްދުތަކުގައި ކުނި ނައްތާލުމުގެ މިންގަނޑުތައް ތަންފީޒުކުރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ވަނީ ހަވާލުކޮށްފަ އެވެ.
- ސިނާއީ ރަށްރަށުގެ ކުނި: މީހުން ދިރިނޫޅޭ ސިނާއީ ރަށްރަށުން އުފެދޭ ކުނި، މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދެވޭނެ އިންތިޒާމު ވެސް މި އިސްލާހުގައި ވަނީ ހަމަޖައްސައިދީފަ އެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ ގެޒެޓުގައި މި ގާނޫނު ޝާއިއުކުރުމާ އެކު އަމަލުކުރަން ފެށޭނެ ކަމަށާއި، މި ގާނޫނަށް ބޭނުންވާ ގަވާއިދުތައް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަން ޖެހޭނެ ކަމަށެވެ.
