މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ "ޕްލާސްޓިކާ ދުރުވުމުގެ" ސިޔާސަތާއެކު މާލެ ސަރަހައްދުގެ ގޭބީސީތަކަށް ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބެހުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މިއަދު ބޭއްވި އެ ޖަލްސާގައި މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް ފޮތި ކޮތަޅު މާލެ ބެހަން ނިންމާފައި ވާއިރު ކޮތަޅު ބެހުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮހެވެ. މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައި ވަނީ އެކި ކަންކަމަށް އެކި ކުލަ ހާއްސަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅު ކަމަށް ވާއިރު އެ ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބީތަކަށް ބަހާ އިރު މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށް މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވިއެވެ.
މުއިއްޒު އިރުރަށް ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫއުތައް ހިންގުމަކީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ.
މީގެއިތުރުން އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ ކަމަށާއި ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑާލި ކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ ފޮތި ކޮތަޅު ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފާނެ ކަމަށް ފެނިވަޑައިންނަވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.