މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ 3 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރީ މީގެކުރިން ވެސް އާއްމުކޮށް ރާއްޖެ އިން މީހުން ހައްޖަށް ގެންދާ ތިން ކުންފުންޏަކަށެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި 11 ކުންފުނީގެ ތެރެއިން ހުއްދަ ދިން ތިން ކުންފުންޏަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

މި ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާއެވެ. ބާކީ ޖާގަތައް ދޫކުރަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނަށެވެ.

ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކާއި އަގުތައް:

  • ހަރަމައިން އިން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައިވާ އަގަކީ 75،250ރ.
  • ސިސިލްފަރުން ހުށަހަޅާފައި ވަނީ 75،465ރ.
  • އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000ރ.އެވެ.

މިނިސްޓްރީން ބުނީ ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ޖުމްލަ 899،533 މީހުން ބައިވެރިވިއެވެ.