މި ރޯދަ މަހުގެ ތެރޭގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މައްސަލަ އިންވެސްޓިގޭޓް ކުރަމުން ދާ ޓީމަށް ފުރީހަމަ އިތުބާރު އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނުތާ ހަފްތާއެއް ވީ އިރުވެސް އަދިވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ހަމީދު ވިދާޅުވީ، އެ ކުށުގެ ފަހަތުގައި ތިބި ކުށްވެރިން ހޯދުމަށް މަނަދޫގައި އޮފިސަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އިންވެސްޓިގޭޓަރުންނާއި ފޮރެންސިކް އަދި ލޯކަލް ޕޮލިސް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ހަމީދު ވިދާޅުވިއެއެވެ.

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 7 ވަނަ ދުވަހު އިރުއޮށްސި 6:13 ހާއިރުއެވެ. ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްގެން ވަންއިރު އޭނާ އޮތީ ބިންމަތީގައި މަރާލާފައެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަންވެސް މަސައްކަތް ކޮށްފައި ހުއްޓެވެ.

ނައީމާ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވާތީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަކާ ނުލާ ނައީމާގެ ހަށިގަނޑު ވަނީ މިމަހުގެ 08 ވަނަ ދުވަހު ވަޅުލާފައެވެ. ނައީމާގެ ތިން ކުދިން ތިބޭއިރު ހުރިހާ ކުދިންވެސް ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނައިމާގެ ކޭސްގައި ތަހުގީގު ޓީމަށް ކުރާ އިތުބާރުގެ ވާހަކައަށް ފަހު ސީޕީ ހަމީދު ވަނީ 2019 ވަނަ އަހަރު ހުޅުމާލޭގައި މާރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި މިއަދު ކުރި ހުކުމަކީ ފާހަގަކޮށްލެވޭ ތަހުގީގެއްގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ. ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

2019 ވަނަ އަހަރު ހިންގި މި ހާދިސާ ތަހުގީގު ކުރުމަށް މި ކޭސްގެ ލީޑް އިންވެސްޓިގޭޓާ ސަބް އިންސްޕެކްޓަރު މޫސާ އިރުފާނާއި އޭނާގެ ޓީމުން ކުރި މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ހަމީދު ފާހަގަ ކުރައްވާ މަރުހަބާ ވިދާޅުވިއެވެ. އަދި އެ މީހުންނާ މެދު ވަރަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅެފައެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައި ވެއެވެ. އަދި ގާސިމްގެ މަރާ ގުޅިގެން ހިންގި ތަހުގީގުން ހޯދި ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ.